މާލޭ ސަރަޙައްދުގައި މިދިޔަ ހަފުތާގައި 41 އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިމަހުގެ 15 އިން ފެށިގެން 21 އާ ހަމައަށް މާލޭ ސަރަޙައްދުގައި ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެގޮތުން މިދިޔަ ހަފުތާ ތެރޭ މާލެ، ބްރިޖް އަދި ހައިވޭގައި ޖުމްލަ 41 އެކްސިޑެންޓު ހިންގާފައިވެއެވެ.
މީގެތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން މިދިޔަ ހަފްތާގައި މާލޭގައި އެކަނިވެސް 36 އެކްސިޑެންޓު ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ދުވާލެއްގެ މައްޗަށް އެންމެ ގިނަ އެކްސިޑެންޓު ހިނގިކަމަށް ފާހަގަކުރެވިފައިވަނީ މިމަހުގެ 21 ވަނަ ދުވަހެވެ. އެދުވަހު 11 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވީ، އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންކަމަށެވެ. އެގޮތުން، ކާރާއި ސައިކަލު ޖެހިގެން 11 އެކްސިޑެންޓެއް ވަނީ ރިކޯޑްކުރެވިފައެވެ. ދެވަނައަށް އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެންނެވެ. މިފަދަ 8 އެކްސިޑެންޓެއް ރިކޯޑުކުރެވިފައިވާއިރު ކަމަށާއި، ސައިކަލާއި ޕިކަޕު ޖެހިގެން 5 އެކްސިޑެންޓު، އަދި ކާރާއި އެހެން ކާރަކާ ޖެހިގެން 4 އެކްސިޑެންޓް ރިކޯޑް ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިމިދިޔަ ހަފަތާ ތެރޭ ހިނގާފައިވާ 41 އެކްސިޑެންޓުތަކުގެ ތެރޭގައި 38 ކުޑަ އެކްސިޑެންޓަކާއި، 3 ބޮޑު އެކްސިޑެންޓެއް ހިމެނެއެވެ. މި އެކްސިޑެންޓްތަކުގައި 11 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމާއި، 45 އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



