ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި އަޅައިގެން ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ މީހުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ފުޅިތަކަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ނުވަތަ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ)ން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އެއީ ހަމައެކަނި ވަކި ކަހަލަ އުފެއްދުންތަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތެއް ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
ނަމަވެސް، ބާޒާރުގައި ތަފާތު ބާވަތްތަކުގެ ބުއިންތައް އޭގެ ފުޅީގައި ބަންދުކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
އެކަމުގެ ސަބަބުން، ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ފޯރައި، އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންވެ އެފަދަ ފުޅި އަދި ކޮތަޅުގައި ކާބޯތަކެތި ބަންދު ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




