މިއަދު ވެސް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ "ރެޑް އެލާޓު"ގެ ހާލަތުގައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ބޮޑު ސަރައްހަދުތަކަށް ދުންފުހުގެ އަސަރުކުރާނެކަމަށެވެ. މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސަރަހައްދުގައި މިއަދު ވައިގެ ސާފުމިން ހުރީ 159 ގައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ނުރައްކާ މިންވަރެކެވެ.
މީގެ އިތުރުން މެދުރާއްޖެ ތެރޭއާއި މާލޭ ސަރަހައްދުގައި ވެސް ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސަރަހައްދުގެ ވައިގެ ސާފުމިން ހުރީ 154 ގައެވެ.
ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެ އެވެ.
އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




