އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ފުލުގައި އޮތް ވުލްވްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، އާސެނަލްއަށް ތާވަލުގެ ކުރީގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ. ވުލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ މެޗުގެ ފަހު ވަގުތު ވުލްވްސްއިން ޖެހި ލަނޑުންނެވެ.
މެޗު ފަށައިގެން ފަސްވަނަ މިނިޓުގައި ބުކަޔޯ ސަކާ ވަނީ ލަނޑެއް ޖަހައި އާސެނަލްއަށް ކުރި ހޯދައިދީފައެވެ. ސަކާ ވަނީ އާސެނަލްއާއެކު އިތުރު ފަސް އަހަރު ދުވަހު މަޑުކުރުމަށް އިއްޔެގެ ވަގުތެއްގައި އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މެޗުގެ ކުރީކޮޅު އާސެނަލްއިން ލީޑު ނެގި ނަމަވެސް، ވުލްވްސްއިން ދިޔައީ ހިތްވަރުގަދަ ކުޅުމެއް ދައްކައި އާސެނަލްއަށް ނުރައްކާކުރަމުންނެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ޕިއެރޯ ހިންކޭޕީ ވަނީ އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް، މެޗުގެ 61 ވަނަ މިނިޓުގައި ހޫގޯ ބުއޭނޯ ޖެހި ލަނޑާއެކު ވުލްވްސްއިން އުއްމީދު އާކުރިއެވެ. ވުލްވްސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ޓޮމް އެޑޯޒީއެވެ. އޭނާ މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ 10 މިނިޓު ތެރޭގައެވެ.
މި ނަތީޖާއާއެކު އާސެނަލް މިހާރު އޮތީ ކުޅުނު 27 މެޗުން ލިބުނު 58 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް 26 މެޗުން 53 ޕޮއިންޓު ލިބިފައިވާއިރު، ސިޓީއަށް ކުރިއަށް އޮތް މެޗުން މޮޅުވެގެން އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުގެ ފުލުގައި އޮތް ވުލްވްސްއަށް 27 މެޗުން މިހާތަނަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




