ވިލިމާލޭގައި ސްކޭޓް ޕާކަކާއި ހިތްފަސޭހަ މައިޒާނެއް ހަދައި ތަރައްޤީކޮށް ބެލެހެއްޓުމުގެ ޚިދުމަތް ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުހައިމިން ނަޞީރު އެވެ. އަދި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑައިރެކްޓަރ އޮފް ޕްރޮޖެކްޓްސް އެންޑް އެސެޓްސް މުޙައްމަދު އިޙްސާން ވަހީދުއެވެ.
ސިޓީ ކައުންސިލުން ބުނީ ސްކޭޓްޕާކާއި ހިތްފަސޭހަ މައިޒާން، ވިލިމާލޭގައި ތަރައްޤީ ކުރަން ހަމަޖެހިފައިވަނީ، ވިލިމާލެ ފެރީޓަރމިނަލް ސަރަހައްދުގައި އޮތް އައުޓްޑޯ ޖިމް އަދި ޕާކް ހިމެނޭ ބިމުގައި ކަމަށާއި، މި ދެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފޭސް އަކަށް ބަހާލައިގެން ކަމަށެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ސްކޭޓް ޕާކާއެކު މި ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ވިލިމާލޭގެ ޒުވާނުންނާއި ތުއްތު ކުދިނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހިތް ފަސޭހަ މައިޒާނަކާއެކު، ވިލިމާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން ދަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން އުފާކޮށް އެމީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމުގެ މަގްސަދުގައި ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




