ރ. އަނގޮޅިތީމުގައި 250 ކިލޯވޮޓްޕީ (kWp) ގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ކެޕޭސިޓީ އާއި 412 ކިލޯވޮޓް އަވަރ (kWh) ގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ނިޒާމުގެ މަސައްކަތް ނިމި، އަމަލީކޮށް ބޭނުންކުރަން ފެށުމުން، ރ. އަނގޮޅިތީމު ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްލާނެއެވެ. އަދި މި ނިޒާމުގެ ސަބަބުން ކޮންމެ އަހަރަކު 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށާއި، ކޮންމެ އަހަރަކު 288 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރަސް އަށް ބޭރުވުން މަދުކުރެވޭނެކަމަށް ވެސް ލަފާކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ އަނގޮޅިތީމުގައި ބެސް އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




