ވިލިމާލޭ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ސެންޓްރަލް ޕާކުންނެވެ.
ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހެނދުނު ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 7000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި 100 ޑޮލަރާއި އެކި ގައުމުތަކުގެ ފައިސާގެ އިތުރުން މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ފެނިފައިވެއެވެ. މި ތަކެއްޗަކީ މިއަދު ފަތިހުގެ ވަގުތެއްގައި ވިލިމާލޭ ގެއަކުން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.
ވިލިމާލޭ ގެއަކުން ފައިސާތަކަކާއި، މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:39 އެހައިކަންހާއިރުއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




