ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނުން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހދ. ނޮޅިވަރަމް ސްކޫލުގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ޖޫން 14 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހދ.އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިނާނު މި ރަސްމިއްޔާތުގައި ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް ފަޒީލާ ޢަބްދުލްޣަފޫރާއި ސްކޫލުގެ އިސްވެރިންނާއި ޓިޗަރުންގެ އިތުރުން ދަރިވަރުން ބައިވެރިވިއެވެ.
އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުމުގައި އަމަލީގޮތުން ސްކޫލު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކޮށް އެކަމަށް ދަރިވަރުން ތަމްރީނުކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމްގައި، ޓްރެފިކް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަމްރީނު ދަރިވަރުންނަށް ދޭނެއެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމުގައި ނޮޅިވަރަމް ސްކޫލުގެ 34 ދަރިވަރުން ބައިވެރިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް