ބ.ތުޅާދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހު 5 ވަނަ ދުވަހު ތުޅާދޫގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސާއި ތުޅާދޫ ޕޮލިހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށާއި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ / ހިތިގަސްދޮށުގެ، އަދުހަމް ރަޝީދު (23އ) ކަމަށެވެ.
ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މިމައްސަލަ ތުޅާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް