ކުއްލި ގޮތަކަށް ނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދިޔުމުގައި ތަހުގީގުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ފުލުހުން ތަހުގީގު ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ބުނީ މިއަދު 6:00 ހާއިރު އައްޑޫ އިކިއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ މައްސަލައެއް ހެނދުނު 8:28 ހާއިރު ފުލުހުންނަށް ރިޕޯޓުކޯށްފައިވާކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަނުކުރި ނަމަވެސް، މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި މިއީ، އައްޑޫ ސިޓީގައި ރައްޓެހިންތަކަކާ އެކީ އުޅެނިކޮށް ކުއްލިގޮތަކަށް ނިޔާވި މީހަކު، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ލާފައި ދިޔަ މައްސަލައެކެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ވެމްކޯގައި މަސައްކަތް ކުރި އިބްރާހިމް އަމީން ހަސަން ދީދީ ނަމަކަށް ކިޔާ މީހަކު ކަމަށާއި، އަމީންއާއި އޭނާގެ ރައްޓެހިންތަކެއް އައްޑޫއަށް ގޮސް ކޮޓަރިއެއް ނެގީ ރޭ ފަތިހު 4:00 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.
އަދި ސީސީޓީވީ ކެމެރާއިން ފެންނަ ގޮތުގައި ތިން މީހަކު ރޮމުން، އަމީން ކޮނޑަށް ލައިގެން ގެންދާ މަންޒަރު ފެންނަކަމަށާއި އެއަށްފަހު އެމީހުންވަނީ އަމީން ހޮސްޕިޓަލަށް ލާފައި، އެތަނުން ގޮސްފައިކަމަށްވެސް މީޑިއާތަކުގައި ބުނެފައިވެއެވެ. އަދި އަމީންގެ މަރާގުޅޭގޮތުން ޝައްކުތަކެއް ހުރުމުން އޭނާގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިކަމަށްވެސް ވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް