ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ރަނގަޅުކުރެވޭނީ ކޮންމެ ފުލުހަކު ވެސް ޑިއުޓީ އަދާކުރުމުގައި، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ދެނެގަނެ، އަމިއްލައަށް އިސްނަގައި މަސައްކަތް ކޮށްގެންކަމަށާއި ރައްޔިތުންނާއި ރީތިބަހުން މުއާމަލާތްކުރާ ބަޔަކަށްވެ، ރައްޔިތުންގެ ލޯތްބާއި އިހުތިރާމުލިބޭ އަދި އޯގާތެރި ބަޔަކަށް ވެގެންކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ނަވީން މިހެން ވިދާޅުވީ، 39 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން، ކޮންމެ ފުލުހަކީވެސް މުޖުތަމައުގެ ސަލާމަތާއި މަސްލަހަތު ހިފަހައްޓާ ފުލުހަކަށްވުން ވަރަށް މުހިންމުކަމަށާއި ނަޒާހަތްތެރި، މަސައްކަތުގައި ޒިންމާދާރު އަދި ނަމޫނާ ބަޔަކަށްވެ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ފުލުހަކަށްވުމަށް މަސައްކަތްކުރުމަށް ނަވީން ވަނީ ގޮވާލައްވާފައެވެ.
ނަވީންގެ ވާހަކަފުޅުގައި ވަނީ މި ފުލުހުންގެ އަސާސީ ތަމްރީނަކީ ހަމައެކަނި ފުލުހުންގެ ވަޒީފާގައި ދާއިމީވުމަށް ފުރިހަމަކުރާ ތަމްރީނެއްގެ ގޮތުގައި ވިސްނުމުގެ ބަދަލުގައި، މި ތަމްރީނަކީ މި ޚިދުމަތުގަޔާއި، އަމިއްލަ ދިރިއުޅުމުގައި ވެސް ކުރިއަށް ދިއުމަށް އެޅޭ، އިތުރު ހަރުފަތެއްގެ ގޮތުގައި ހެދުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، ކޮންމެ ފުލުހަކު ވެސް، ފުލުހުންގެ ދާއިރާއިން ކުރިއަށްދާނެގޮތުގެ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޒުމް ކަނޑައަޅައި ތައުލީމާއި ތަޖުރިބާ ހޯދުމަށް މަސައްކަތްކުރުމަށާއި ފުލުހުންގެ މި ޚިދުމަތަކީ، ކުރިއަށް ދިއުމުގެ ފުރުސަތު ގިނަ އެހެނަސް ވާދަވެރި ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުން ކުރިއެރުވުމަށް މުއައްސަސާއިން ކުރާ މަސައްކަތާ އެއްވަރަށް ފުލުހުންގެ ހިތްވަރާއި ގާބިލުކަން ދައްކުވައިދޭންވާނެކަމަށާއި މިފަދަ ފުރުސަތުތައް ހޯދައި ކުރިއަށްދާނެ މަގު ހޯދުމަށް އަބަދުވެސް އެދިއެދި ތިބޭ ބަޔަކަށްވެ، ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ފުލުހުންގެ ކޮންމެ މަރުކަޒެއްގައި ވެސް މަސައްކަތްކުރެވޭ ބަޔަކަށް ވާންވާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށްޓަކައި ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންވާނެކަމަށާއި ދިވެހި ގައުމާއި މި މުއައްސަސާ އަދި އާއިލާއަށް ވެސް ހުތުރުނަމެއް ލިބޭނެ ފަދަ، އެއްވެސް ކަމެއް ފުލުހުން ނުކުރުމަށާއި ގައުމުގެ ފަހުރުވެރި ދަރިއަކަށް އަދި ޚިދުމަތްތެރި ފުލުހަކަށް ވުމަށް އިލްތިމާސްކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރުމަކީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށާއި މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި، އަދި ޤައުމީ ޚިދުމަތެއްކަމަށްވެސް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް