ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަންދެއްވާފައި މި ވަނީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އަހަރުތަކެއް ވަންދެން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުންތަކާ ގުޅިފައި އޮތް ކަރަންޓު ޓެރިފް ރޭޓްގެ މައްސަލާގައި ވަޢުދުފުޅާ އެއްގޮތަށް ކަރަންޓު ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވައި، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެކަން ރައީސް އިޢުލާންކުރެއްވީ ހުކުރު ދުވަހުގެ ރޭ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ.
ޕީ.އެސް.އެމްއަށް ދެއްވި ބަސްދީގަތުމުގައި މިކަމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށާ، ހަކަތައިގެ ސިޔާސަތުގެ ކަންކަން ބެލެހެއްޓެވުމުގައި ސަރުކާރުގެ ފަރާތުން ނުވަތަ ކުންފުނިތަކެއްގެ ނާޤާބިލުކަމެއްގެ ސަބަބުން އުފެދޭ ތަކުލީފުތައް ރައްޔިތުން އުފުއްލަވަން އެދިވަޑައިނުގަންނަވާކަމުގައެވެ.
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމުގައި ވާ ހިނދު، ދެމެހެއްޓެނިވި ގޮތެއްގައި މިކަން މެނޭޖުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާ ކުންފުނިތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަންހުރިކަންވެސް ފާހަގަކުރައްވާފައެވެ.
"މީ ރާއްޖޭގެ ތާރީޚުގައި އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު، މި ކަހަލަށް ކަމެއް ކުރި. މިކަން އަޅުގަނޑު މި ކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝަންސީ ނޫނީ، ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖުކުރުމުގައި ހުރި މައްސަލަތަކެއްގެ ބަރޑަން، ރައްޔިތުން ނަގާކަށް. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން." ރައީސް ވިދާޅުވިއެވެ.
ހަމަ މިމޭރުމުން އެމަނިކުފާނު ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ސަރުކާރުން ފުޅާ ދާއިރާއެއްގައި އިންވެސްޓްކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ. 2028 ވަނަ އަހަރާ ހިސާބަށް ދާއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި މަސްދަރުތަކުން ހޯދާ ހަކަތައަށް ހެދުމުގެ ޢަމާޒާއެކު، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތައް ހަރުދަނާކުރުމުގެ ތެރެއިން، ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމުގެ ކަންކަން ދެކޮޅުޖައްސަވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދެއްވައި، ވަކި މިންވަރެއް މަޢާފްވެސް ކޮށްދެއްވާފައެވެ. ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފުކޮށް ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލްތަކަށް ދެއްވި ޑިސްކައުންޓުގެ އިތުރުން، އެއާއި ވިދިގެން އައި މަހު (އޭޕްރީލް 2025) ގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީތަކުގެ ކަރަންޓު ބިލްތަކަށް ބޮޑު ލުޔެއް ސަރުކާރުން ދެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް