މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް މިިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަޤާމާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަޤާމު މިހާރު ވަނީ ހުސްވެފައެވެ. މި ތިން މަޤާމަށް މެންބަރުން އިންތިޚާބުކުރުމަށް ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް މީޑިއާތަކުން ކުރިމަތިލި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.
މިކަމާ ގުޅިގެން، މީޑިއާތަކުން އިންތިޚާބުކުރަންޖެހޭ ދެ މަޤާމަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު ވެސް ވަނީ އާންމުކޮށްފައެވެ.
މި ތިން މަޤާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓުގައިވާ "މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށްވެސް ޔޫތު މިނިސްޓްރީން އެދިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް