ކުޑަކުދިންގެ ކާނާގެ ތެރޭގައި ތަރުކާރީ ހިމެނުމަކީ ގިނަ ބެލެނިވެރިންނަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ކުޑައިރުއްސުރެ ހަރުދަނާ އަދި ރަނގަޅު އާދަތަކެއް އަށަގަންނުވައިފިނަމަ، ބޮޑުވަމުން އަންނައިރު އަދި މުޅި އުމުރުގައިވެސް ތަރުކާރީއަށް ލޯބިކުރާ، ސިއްހަތު ސަލާމަތުން ހުންނަ ކުދިންނަށް އެކުދިން ވެގެންދެއެވެ.
މިބަލާލާނީ ކުދިންގެ ކެއުމުގެ އާދަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެދޭނެ މުހިންމު ސިފަތަކަށެވެ.
1. ނަމޫނާ ދެއްކުން
ކުދިންނަކީ އަބަދުވެސް ބޮޑެތި މީހުން ކުރާ ކަންކަން ބަލައިގެން އެކަންކަން ކޮޕީކުރާ ބައެކެވެ. ބެލެނިވެރިން އަމިއްލައަށް ތަރުކާރީ ނުކައި، ކުދިންނަށް ތަރުކާރީ ކާން ބާރުއެޅުމަކީ ކާމިޔާބުވާނެ ކަމެއް ނޫނެވެ. އާއިލާގެ އެންމެން އެކުގައި ކާން އިންނައިރު، ބޮޑެތި މީހުން މީރުކޮށް ތަރުކާރީ ކާ މަންޒަރު ފެނުމަކީ ކުދިން އެއަށް ޝައުޤުވެރިވާނެ އެންމެ ފުރަތަމަ ސަބަބެވެ.
2. ތަކުރާރުކޮށް ތައާރަފުކުރުން
ގިނަ ފަހަރަށް ކުދިން އާ އެއްޗެހި ކާން ފަސްޖެހެއެވެ. އެއްފަހަރު ތަރުކާރީއެއް ނުކެއުމުން، އެ އެއްޗެއް ދެން ކުއްޖާއަށް ކަމުނުދަނީ ކަމަށް ނިންމައި ބައެއް ބެލެނިވެރިން އެ ދިނުން ހުއްޓާލައެވެ. ސައިންސްވެރިން ބުނާ ގޮތުގައި ކުއްޖަކަށް އާ ރަހައެއް ކަމުދިއުމަށްޓަކައި މަދުވެގެން 10 އާއި 15 ފަހަރު އެ އެއްޗެއް ތަޢާރަފުކޮށް، ދޭންޖެހެއެވެ. ކެތްތެރިކަމާއެކު ތަފާތު ދުވަސްދުވަހު އެކި ގޮތްގޮތަށް ތައްޔާރުކޮށްފައި ދިނުން މުހިންމެވެ.
3. ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިކުރުން
ކާބޯތަކެތި ގަންނަން ދާއިރު (ބާޒާރަށް ނުވަތަ ފިހާރައަށް) ކުދިން ގޮވައިގެން ދިއުމާއި، ތަރުކާރީ ދޮވުމާއި، ތަރުކާރީގެ ކުލަތަކާއި ބެހޭގޮތުން ވާހަކަދެއްކުން މުހިންމެވެ. އަދި އުމުރާ ގުޅޭގޮތުން ބަދިގޭގެ މަސައްކަތްތަކުގައި (މިސާލަކަށް ސަލަޑް އެއްކުރުން) ބައިވެރިކުރުމުން، އެކުދިން އަމިއްލައަށް ތައްޔާރުކުރި އެއްޗެހި ކެއުމަށް ހުންނަ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެއެވެ.
4. ކެއުން މަޖާ ކަމަކަށް ހެދުން
ތަރުކާރީ ހުންނަ ގޮތުން ކުދިން ފޫހިވެދާނެއެވެ. އެހެންކަމުން ތަފާތު ބައްޓަންތަކަށް (ތަރި، ހަނދު، ނުވަތަ ކާޓޫން ސިފަޔަށް) ތަރުކާރީ ކޮށައިގެން ތަށި ޑިޒައިން ކުރެވިދާނެއެވެ. މީގެ އިތުރުން، ކުދިން ގަޔާވާ ކަހަލަ މީރު ސޯސްއެއް ނުވަތަ "ޑިޕް" އެއް ތަރުކާރީއާއެކު ދިނުމުން ކެއުމަށް ފަސޭހަވެއެވެ.
5. ކެއުމަށް މަޖުބޫރު ނުކުރުން
"މި ތަށި ހުސްނުކޮށް ތެދުވެގެން ނުވާނެ" ބުނެ ކުދިންނަށް ކާން މަޖުބޫރުކުރުމަކީ ތަރުކާރީއަށް ހުންނަ ފޫހިކަން އިތުރުވާ ކަމެކެވެ. ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި، ކާން ބޭނުންވާ މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރު ކުއްޖާއަށް ދޭންޖެހެއެވެ. ބެލެނިވެރިޔާގެ ޒިންމާއަކީ ޞިއްޙަތަށް ފައިދާހުރި ކާނާ ސުންފަތް މޭޒުމައްޗަށް ނެރުމެވެ.
އިސްކަންދޭންވީ ކަންކަން:
-
އާއިލާ އެންމެން އެކުގައި ސުންފަތްމަތީގައި ތަރުކާރީ ކެއުން.
-
ތަފާތު ރަހަތަކާއި ގޮތްގޮތަށް (މިސާލަކަށް ފިހެގެން ނުވަތަ ކައްކައިގެން) ތައްޔާރުކުރުން.
-
ފުރަތަމަ ފަހަރު ކުޑަ މިންވަރަކުން ކާންދޭން ފެށުން.
ދުރުހެލިވާންވީ ކަންކަން:
-
އާއިލާގެ އެހެން މީހުން ނުކައި، ކުއްޖާއަށް އެކަނި ތަރުކާރީ ކާންދޭން އުޅުން.
-
އެއްގޮތަކަށް ތައްޔާރުކޮށްފައި، ކުއްޖާ ނުރުހެނިސް ގަދަކަމުން ކާންދިނުން.
-
އެއްފަހަރާ ގިނަ އަދަދަކަށް ތަށި ފުރާ ތަރުކާރީ އެޅުން.
ކުދިންގެ ކެއުމުގެ އާދައަކީ ރެޔަކުން ދުވާލަކުން ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. މީގައި އެންމެ މުހިންމީ ބެލެނިވެރިންގެ ކެތްތެރިކަމާއި އަދި ހުއްޓާނުލާ ކުރާ މަސައްކަތެވެ. ކުޑައިރުއްސުރެ މިފަދަ ހެޔޮ އާދަތައް އަށަގަންނުވައިފިނަމަ، ބޮޑުވެގެންވެސް އެކުދިންވާނީ އަމިއްލައަށް އިސްނަގައިގެން ތަރުކާރީ ކާނެ ޞިއްޙަތު ރަނގަޅު ޖީލަކަށެވެ.



