ސިކުނޑިއަށް ޖެހޭ ބަލިތަކަކީ އާންމުކޮށް ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ބެލެވޭ ކަންކަމެވެ. ނަމަވެސް، ދާދިފަހުން ކުރެވުނު ސައިންސީ ދިރާސާއަކުން މިވަނީ އިންގިލާބީ ހަގީގަތެއް ހާމަކޮށްފައެވެ. ސްޓްރޯކް ޖެހުމާއި، ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) އަދި އުމުރުން ދުވަސްވުމުން ކުރިމަތިވާ ނަފްސާނީ ބަލިތަކަކީ އެއް މުލަކުން އުފެދޭ ކަންތައްތަކެއް ކަމާއި، ދިރިއުޅުމުގެ އާދަތަކަށް ގެންނަ 17 ބަދަލަކުން މި ހުރިހާ ނުރައްކަލަކުން އެއްފަހަރާ ސަލާމަތްވެވިދާނެ ކަން މިހާރު މިވަނީ ސާބިތުވެފައެވެ.
މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލްގެ ބްރެއިން ކެއާ ލެބްގެ އިސް ދިރާސާވެރިޔާ ޑރ. ސަންޖުލާ ސިންގް ވިދާޅުވާ ގޮތުގައި، މި ބަލިތަކުގެ އަސްލު ގުޅިފައިވަނީ ސިކުނޑީގެ ކުދި ލޭހޮޅިތަކަށް ލިބޭ ގެއްލުމާއެވެ. "ސްޓްރޯކްގެ 60 އިންސައްތަ، ޑިމެންޝިއާގެ 40 އިންސައްތަ އަދި ޑިޕްރެޝަންގެ 35 އިންސައްތައަކީ ހަމައެކަނި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލައިގެން ހުއްޓުވިދާނެ ކަންކަން،" އޭނާ ފާހަގަކުރެއްވިއެވެ.
ސިކުނޑި ރައްކާތެރިކޮށްދޭ "އައްޑަނަ"
ދިރާސާއިން ދައްކާ ގޮތުގައި ސިކުނޑީގެ ސިއްހަތު ދަމަހައްޓައިދޭ މައިގަނޑު ހަ ކަމެއްވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ވިސްނުން ބޭނުންކުރަންޖެހޭ ހަރަކާތްތައް: ފޮތްކިޔުމާއި، ފަޒަލް ކުޅުން ފަދަ ކަންކަމުގެ ސަބަބުން ޑިމެންޝިއާގެ ނުރައްކާ 40 އިންސައްތަ ކުޑަކޮށްދެއެވެ.
-
ކާނާގެ ބާވަތްތައް: މޭވާއާއި، ތަރުކާރީ، މަސް އަދި ނަޓްސް ގިނައިން ހިމެނޭ ކާނާ.
-
އިޖުތިމާއީ ގުޅުން: އެކަނިވެރިވުމުގެ ބަދަލުގައި މީހުންގެ ތެރެއަށް ނުކުމެ އުޅުމާއި، ގާތް ރަހުމަތްތެރިން ބޭތިއްބުން.
-
ޖިސްމާނީ ހަރަކާތް: މެދުމިނުގެ ކަސްރަތާއި، ދިރިއުޅުމުގައި އަމާޒެއް އޮތުން.
ނުރައްކާ އިތުރުކުރާ ސަބަބުތައް
މި ދިރާސާގައި ސިކުނޑިއަށް ގެއްލުންދޭ 13 އާދައެއް ފާހަގަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ކަމަކީ ލޭމަތިވުން އެވެ. ލޭމަތިވުމަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ތިންގުނަ އިތުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ހަކުރު ބަލި، ފަލަވުން، ސިގިރޭޓް ބުއިން، ނިދި މަދުވުން، އަދި އިވުމުގެ މައްސަލަތަކަކީ ސިކުނޑީގެ ދިރުން އަވަހަށް ނެތިގެންދާ ކަންކަމެވެ.
ކޮންތާކުން ފަށާނީ؟
މި ހުރިހާ ބަދަލެއް އެއްފަހަރާ ގެނައުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ސައިންސްވެރިންގެ ލަފަޔަކީ މިއީ "މެނޫ" އެއްގެ ގޮތުގައި ބަލައިގެން، ކޮންމެވެސް އެއް ކަމަކުން ފެށުމެވެ.
"ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަކީ އެންމެ ފުރަތަމަ ކުރަންވީ ކަންތައް. އޭގެ ފަހުން ކަސްރަތު ކުރަން ފަށާށެވެ. ބޯނަސްއެއްގެ ގޮތުން، ކަސްރަތު ކުރަން ދާއިރު ރަހުމަތްތެރިއަކު ގޮވައިގެން ދިއުމުން އިޖުތިމާއީ ގުޅުންވެސް ބަދަހިވެ، އެއްފަހަރާ ދެތިން ނުރައްކަލަކުން ސަލާމަތްވެވޭނެ،" ޑރ. އަލިސަން މޯލް ވިދާޅުވިއެވެ.
ސިކުނޑީގެ ސިއްހަތަށް ސަމާލުކަން ދޭންވީ އެންމެ ރަނގަޅު އުމުރަކީ މެދު އުމުރެވެ. ނަމަވެސް، ކޮންމެ އުމުރެއްގައިވެސް މި ފިޔަވަޅުތައް އެޅުމުން އުމުރުގެ ފަހުކޮޅުގައި ދިމާވާ ނުކުޅެދުންތެރިކަމުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ ހަމައެކަނި ބައްޔަކުން ރައްކާތެރިވުމެއް ނޫނެވެ؛ މިއީ އުފާވެރި، ދުޅަހެޔޮ މުސްކުޅި އުމުރަކަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.




