ރަހަ ބެލުމުގެ ހިއްސު ތަރައްގީ ކުރެވިދާނެތަ؟

އަހަރެމެން އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގެ ހުރިހާ ހިއްސުތަކެއްގެ ބާރުވެސް ދަނީ ދެރަވަމުންނެވެ. ނަމަވެސް، ރަހަ ބެލުމުގެ ހިއްސަށް އަންނަ ބަދަލަކީ ގިނަ ފަހަރަށް އަޅާނުލެވި ދާ ކަމެކެވެ. 2016 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ދޮށީ އުމުރުގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި މީހުންނަށް ރަހަ ބެލުމުގައި މައްސަލަތައް ކުރިމަތިވެއެވެ. މިއީ އެހެން ހިއްސުތަކަށްވުރެ ބޮޑަށް ދިމާވާ މައްސަލައެކެވެ.

އެމެރިކާގެ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ސްމެލް އެންޑް ޓޭސްޓް ސެންޓަރުގެ ކޯ-ޑިރެކްޓަރު ޕޯލް ޖޯސެފް ވިދާޅުވާ ގޮތުގައި، ގިނަ މީހުންނަށް ރަހަ ބެލުމުގެ ހިއްސު ދަށްވާކަން އިހުސާސް ނުވަނީ އެކަން ވަރަށް ލަސްލަހުން ވާތީއެވެ. އަދި ގިނަ ފަހަރަށް ރަހަ ނުލެވޭ ކަމަށް ޝަކުވާ ކުރާއިރު، ހަގީގަތުގައި ދަށްވެފައި އޮންނަނީ ވަސް ބެލުމުގެ ހިއްސެވެ. ސަބަބަކީ ކާނާގެ ރަހައިގެ ބޮޑުބައެއް ގުޅިފައިވަނީ ވަހާއެވެ.

ރަހަ އާއި ވަސް ކެނޑުމަށް މެދުވެރިވާ ސަބަބުތައް

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މިކަމަށް މެދުވެރިވާ މައިގަނޑު ފަސް ސަބަބެއް އޮވެއެވެ:

  1. އަނިޔާވުން: ބޮލަށް ލިބޭ އަނިޔާތަކާއި، ކަންފަތް ނުވަތަ ނޭފަތުގެ އޮޕަރޭޝަންތަކުގެ ސަބަބުން ރަހަ އާއި ވަސް ގެންގޮސްދޭ ނާރުތަކަށް ގެއްލުންވެދާނެއެވެ.

  2. ވައިރަސް: ބައެއް ބަލިތަކުގެ ސަބަބުން ނޭފަތުގެ ސެލްތަކަށް ގެއްލުންވެ، ވަސް ބެލުމުގެ ހިއްސު ދާއިމީކޮށް ނުވަތަ ވަގުތީ ގޮތުން ގެއްލިދާނެއެވެ.

  3. ދިގުލައިދާ އިންފްލެމޭޝަން: އެލާޖީ ނުވަތަ ސައިނަސްގެ މައްސަލަތަކުގެ ސަބަބުން ނޭފަތް ބެދިފައި ހުރުމަކީ ވަސް ބެލުމަށް ހުރަސްއެޅޭ ކަމެކެވެ.

  4. އަނގައާއި ދަތުގެ ސިއްހަތު: ހިރުގަނޑުގެ ބަލިތަކާއި، އަނގަ ހިކުމަކީ ރަހަ ބެލުމަށް ހުރަސްއަޅާ ކަންކަމެވެ.

  5. އުމުރު: އުމުރުން 60 އަހަރުވުމަށްފަހު، ރަހަ ބަލާ ސެލްތަކާއި ވަސް ބަލާ ރިސެޕްޓަރުތައް އާވުމުގެ ބާރު ދަށްވެއެވެ.

މީގެ ހުރި ނުރައްކަލަކީ ކޮބާ؟

ރަހަ ނުލިބުމަކީ ހަމައެކަނި ކެއުމުގެ މަޖާ ގެއްލުން ނޫން ކަމަށް ޑރ. ޖޯސެފް ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ކާހިތްވުން ކެނޑި، މީހާ އަލްނިލިވެ ބަލިކަށިވެދާނެއެވެ. އަދި ރަހަ ނުލިބޭތީ މާ ގިނައިން ލޮނު، ހަކުރު ނުވަތަ ފެޓް ހިމެނޭ ތަކެތި ބޭނުންކުރަން ފެށުމުން ހަކުރުބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ.

މީގެ އިތުރުން، ރަހަ އާއި ވަސް ގެއްލުމަކީ ނަފްސާނީ ގޮތުން މީހާ މާޔޫސްވުން މެދުވެރިވެދާނެ ކަމެކެވެ. ސަބަބަކީ ކާނާއަކީ އަހަރެމެންގެ އާއިލީ އަދި ސަގާފީ ގުޅުންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށް ވާތީއެވެ.

"ރަހަ އާއި ވަހަކީ ހަމައެކަނި ކުދިކުދި ހިއްސުތަކެއް ނޫން. އެއީ ދިރިހުރުމާއި، ސިއްހަތާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަންކަން." - ޑރ. ޕޯލް ޖޯސެފް

ހައްލަކީ ކޮބާ؟

ޑޮކްޓަރުން ބުނާ ގޮތުގައި މިއީ ބޭހަކުން ވަގުތުން ރަނގަޅު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ބައެއް ކަންކަން ކުރުމުން ރަހަ އިތުރަށް ބޮޑަށް އިހުސާސް ކުރެވިދާނެއެވެ.

  • ހާބްސް އާއި ސްޕައިސް: ކާނާގައި ހަވާދުގެ ބާވަތްތަކާއި ފަތްޕިލާވެލި ގިނަކުރުން.

  • އުމާމީ ރަހަ: މަޝްރޫމް، ޓޮމާޓޯ، އަދި ޗީޒް ފަދަ ތަކެތި ބޭނުންކޮށްގެން ރަހަ ގަދަކުރުން.

  • ސްމެލް ޓްރެއިނިންގް: ދުވާލަކު ދެފަހަރު ތަފާތު ވަސްތައް ބަލައިގެން ނޭފަތަށް ފިޒިކަލް ތެރަޕީ ދިނުން.

  • ދަތުގެ ސިއްހަތު: ގަވާއިދުން ދަތް އުނގުޅުމާއި، ދޫ ސާފުކުރުމަކީ ރަހަ ބަލާ ސެލްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީވާ ކަމެކެވެ.

އެންމެ މުހިންމު ކަމަކީ، ރަހަ މަޑުވުމުން ލޮނާއި ހަކުރު ގިނަ ކުރުމުގެ ބަދަލުގައި، ސިއްހަތަށް ފައިދާހުރި ގޮތްގޮތުން ކާނާގެ ރަހަ މީރުކުރުމެވެ. ކާނާގެ ކުލަޔާއި، އޭގެ މަޑު ހަރުމިނަށް ބަދަލު ގެނައުމަކީވެސް ކެއުމުގެ ހިތްހަމަޖެހުން އިތުރުކޮށްދޭނެ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް