ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، ވަޒީފާގެ ބިރުވެރިކަމާއި، މާލީ ދަތިތައް ނުވަތަ މާދަމާއާ މެދު އޮތް ބިރުވެރިކަން؛ މިއީ މިއަދު ގިނަ ބައެއްގެ ނިދި ނަގާލާފައިވާ ސަބަބުތަކެވެ. އެމެރިކަން ފިސައިކޮލޮޖިކަލް އެސޯސިއޭޝަންގެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، އިންސާނުންގެ ނުތަނަވަސްކަން މިވަނީ އިންތިހާއަށް މަތިވެފައެވެ. ރޭގަނޑުގެ ހިމޭން ވަގުތު، ބޯދަށަށް ބާލީސް ލުމާއެކު ސިކުނޑީގައި އެނބުރެން ފަށާ ހާސްކަމުގެ ރާޅުތަކުން ސަލާމަތްވެ، އަރާމު ނިންޖަކަށް ދިއުމަކީ މިއަދު ގިނަ ބަޔަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިކޮލޮޖީ ޕްރޮފެސަރު ރޮކްސޭން ކޯހެން ސިލްވާ ވިދާޅުވާގޮތުގައި، ކޮންމެހެން ކަމެއްގެ މެދުގައި ހުރުމަކުން ނޫނީ އެކަމުގެ އަސަރު ނުކޮށް ނުދާނެއެވެ. "މޮބައިލް ފޯނުތަކާއި، ޓީވީ އަދި ރޭޑިއޯގެ ޒަރީއާއިން ހުއްޓުމެއްނެތި އަންނަ ހިތްދަތި ޚަބަރުތަކަކީ އަހަރެމެންގެ ސިކުނޑި ނުތަނަވަސްކޮށް، ނިދުމަށް ހުރަސްއަޅާ މައިގަނޑު ސަބަބު،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ހާސްކަމުގެ ތެރެއިން ވެސް ނިދި ހޯދިދާނެއެވެ. ތަޖުރިބާކާރުން މިކަމަށް ދޭ ބައެއް އިރުޝާދުތަކަށް ބަލާލަމާ ހިނގާށެވެ.
ފޯނަށް "ކާފިއު" އެއް ހިންގުން
ސިލްވަރ ލަފާދެއްވާ ގޮތުގައި، ނިދުމުގެ މަދުވެގެން އެއް ގަޑިއިރު ކުރިން ފޯނާއި ދުރަށް ދާންޖެހެއެވެ. ފޯނުން ފެންނަ ބްލޫ ލައިޓްގެ ސަބަބުން ނިދުމަށް އެހީތެރިވެދޭ ހޯރމޯން "މެލަޓޮނިން" އުފެއްދުމަށް ހުރަސްއެޅުމުގެ އިތުރުން، ސޯޝަލް މީޑިއާއިން ފެންނަ ޚަބަރުތަކުން ސިކުނޑި އިތުރަށް ހޭލައްވާލައެވެ. އެހެންކަމުން، ނިދާ ކޮޓަރިއަކީ ޚަބަރުތަކާއި ދުނިޔޭގެ ހަލަބޮލިކަމުން އެކަހެރިވެފައިވާ "އަމާން ބަނދަރަކަށް" ހަދަންޖެހެއެވެ.
ސިކުނޑި ފޫހިކޮށްލާނެ ފޫހި ކަންކަން ހޯދުން
ސިކުނޑީގައި ޚިޔާލުތައް ގިނަވެ، ހާސްކަން އިތުރުވާނަމަ އެކަމުން ދުރަށް ދިއުމަށް ބައެއް ތަޖުރިބާކާރުން ލަފާދެނީ "ބޯރިންގ" ނުވަތަ ފޫހި ޕޮޑްކާސްޓްތައް އެހުމަށެވެ. މާ ބޮޑު އުފާވެރިކަމެއް ނުވަތަ ދެރަވެރިކަމެއް ނެތް، މަޑުމައިތިރި އަޑަކުން ދައްކާ ވާހަކަތަކެއްގެ ސަބަބުން ސިކުނޑި ހަމައަކަށް އެޅި، ނިދި އައުމަށް މަގުފަހިވެއެވެ.
"ވޮރީ ޓައިމް" ނުވަތަ ހާސްވާނެ ވަގުތެއް ކަނޑައެޅުން
ނިދަން އޮށޯންނަ ގަޑީގައި ހުރިހާ ހާސްކަމެއް ސިކުނޑިއަށް ޖަމާވާނަމަ، ދުވާލުގެ ވަގުތެއްގައި 15 މިނިޓް "ހާސްވާން" ހުސްކުރާށެވެ. އެ ވަގުތުގައި ހުރިހާ ކަންބޮޑުވުންތަކެއް ކަރުދާހެއްގައި ލިޔެލާށެވެ. އޭރުން ރޭގަނޑު އެ ޚިޔާލުތައް އަންނަން ފެށުމުން، "މިކަމާ ބެހޭގޮތުން އަހަރެން މިއަދު ވިސްނައިފިން" ކަމަށް ބުނެ ސިކުނޑި މައިތިރިކޮށްލަން ފަސޭހަވާނެއެވެ.
ނޭވާލުމުގެ ކަސްރަތު
ނޭވާލުމުގެ ވަކި ތަރުތީބުތަކަކީ ހަށިގަނޑުގެ ނާވަސް ސިސްޓަމް ހަމައަކަށް އަޅުވާލުމަށް އޮތް އެންމެ އަވަސް މަގެކެވެ. ލަސްލަހުން ނޭވާ އެތެރެއަށް ހިފަހައްޓާލުމަށްފަހު ބޭރުކުރުމުން، ހަށިގަނޑަށް "މިހާރު މިއޮތީ ރައްކާތެރިކަން" ކަމުގެ ސިގްނަލް ލިބި، ނިދުމަށް ތައްޔާރުވެއެވެ.
ކޮންމެއަކަސް، ނުތަނަވަސްކަމަކީ މިއަދުގެ ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް އެކަމުގެ ސަބަބުން ތިމާގެ ސިއްހަތަށް ބޭނުންވާ ނިދި މަހުރޫމްވިޔަ ނުދިނުމަކީ ތިމާގެ އަމިއްލަ އަތްމަތީގައި އޮތް ކަމެކެވެ. ކުދިކުދި ބަދަލުތަކާއެކު، ހަލަބޮލި ދުނިޔެއެއްގެ ތެރެއިން ވެސް ހަމަހިމޭން ނިދުމެއް ހޯދިދާނެއެވެ.





