ކަކުނިމަހުގެ ޞިއްޙީ ފައިދާތައް ގިނައެވެ.
ކަކުންޏަކީ އެއްގަމާއި މޫދުގައި އުޅޭ، 10 ފައި ހުންނަ، އާންމުކޮށް ހަރު ތޮށިގަނޑު ހުންނަ ދިރޭއެއްޗެކެވެ. ރާއްޖޭގައި އެކި ސަރަޙައްދުތަކުން ތަފާތު ވައްތަރުތަކުގެ ކަކުނި ފެންނަން ހުރެއެވެ. ކަޅުފަހާއި ޗަކަބިމުން 3 ވައްތަރު، ގޮނޑުދޮށުން 2 ވައްތަރު އަދި މޫދުން ގިނަ ވައްތަރުތަކެއްގެ ކަކުނި ފެނެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ފަރުތަކުން ނަގާ ރަތް ކަކުންޏަކީ މިނަރަލްސްއާއި ވިޓަމިންސް ހިމެނޭ ޞިއްޙަތަށް ވަރަށް ފައިދާހުރި ކާނާއެކެވެ.
ކަކުނިމަހުގައި އެކުލެވޭ މުހިންމު މާއްދާތައް
ކަކުނިމަހުގައި ވަރަށް ގިނަ މުހިންމު މާއްދާތައް އެކުލެވެއެވެ. މީގެ ތެރޭގައި ވިޓަމިންތަކާއި، ޕްރޮޓީން، އެމިނޯ އެސިޑް އަދި ކެލްސިއަމް، ކޮޕަރ، ޒިންކް، ޕޯސްފަރަސް، ދަގަނޑު ފަދަ މަޢުދަންތައް ހިމެނެއެވެ. މީގެ އިތުރުން ކަކުނިމަހުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެއެވެ. އަދި ކަކުނިމަހުގައި ކެލެރީގެ މިންވަރު ދަށްކަން ވެސް ފާހަގަކުރެވެއެވެ.

އޮމެގާ 3 އާއި ކޮލެސްޓްރޯލް
ކަކުނިމަހުގައި އޮމެގާ 3 ފެޓީ އެސިޑް ހިމެނެއެވެ. މިއީ ހިތުގެ ބަލިތަކަށް ރަނގަޅު، ކޮލެސްޓްރޯލް ދަށްކޮށްދޭ އަދި ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން ކަކުނިމަހުގައި ހުންނަ ކުރޯމިއަމްގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު
ކަކުނިމަހަކީ ޑިޕްރެޝަންއަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭ، ޕްރޮޓީންގެ މިންވަރު މަތި ކާނާއެކެވެ. ކުރީގައި ދިވެހިންގެ މެދުގައި ކަކުނިމަހާމެދު ނުރަނގަޅު ވިސްނުމެއް އޮތްނަމަވެސް، މިހާރު އޭގެ ފައިދާތައް އެނގި، ކާ މީހުން އިތުރުވަމުންދެއެވެ. ފުޑް ސޭފްޓީ އަދި ވިހަ ދިރާސާކުރާ މާހިރުންގެ ދިރާސާތަކުން ކަކުނިމަހަކީ މާބަނޑު އަންހެނުންނަށް ވެސް ރައްކާތެރި، ކޮންމެ ދުވަހަކު ކެއުމަށް އެކަށޭނަ ކާނާއެއްކަން ދައްކުވައިދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް