ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ނާންނާނެ ގޮތަށް، މުޅި ޤައުމުގެ މާލިއްޔަތަށް ފައިދާކުރާނެފަދަ އިންޤިލާބީ ބަދަލުތަކަކާ ކުރިމަތިލާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ދީނާއި، އަމިއްލަވަންތަކަމާއި ސިޔާދަތު ރައްކާތެރިކުރެވެނީ އިޤްތިޞާދީ މިނިވަންކަން ލިބިގެން ކަމަށެވެ. އެހެންކަމުން ކާބަފައިން ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރި ފަދައިން، މިއަދު ދަރަނީގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތާރީޚީ ފިލާވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ނަގާލަން މިހާތަނަށް ދިން ކޮންމެ ހަމަލާއެއްގެ ފަހަތުގައި ތިބީ ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ދިވެހިން ކަމަށާއި، ޝަހީދުން އިސްކުރެއްވީ ޤައުމުގެ މިނިވަންކަމާއި މުސްތަޤުބަލު ކަމަށެވެ. އަދި އިޤްތިޞާދީ ތަރައްޤީ ގެނައުމުގައި ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި އަމިއްލަވަންތަކަމަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަމަލުނުކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ތަރައްޤީއަކީ ކޮންމެ ދިވެހި ފަރުދެއްގެ ޙައްޤެއް ކަމަށާއި، ދުނިޔޭގެ ކުރިއެރުންތަކަށް ބަލަން ނުތިބެ ރައްޔިތުން އެދޭ ފުދުންތެރިކަމަށް އެންމެން އެކުވެގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.




