އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އިހުމާލުވެ، މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށް ބުނެ އެމްޑީޕީގެ 13 މެންބަރަކު ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިދިޔަ އޮގަސްޓު މަހު އެމްޑީޕީން މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި މިނިސްޓަރު ސައީދާ ދެކޮޅަށް މައިގަނޑު 4 ކަމެއް ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީން މައްސަލައިގައި ފާހަގަކުރި މައިގަނޑު ނުކުތާތައް:
-
ޑޮލަރުގެ މައްސަލަ: އިގުތިޞާދީ އިސްލާހީ ސިޔާސަތުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ދިޔައިރު، އެއީ ތަބީޢީ ކަމެއް ކަމަށް ވިދާޅުވެ މައްސަލައިގެ ހައްސާސްކަން ކަނޑުވާލުމުގެ ތުހުމަތު.
-
ދައުލަތުގެ ފައިސާ ނުބެލެހެއްޓުން: މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ބޭނުންކުރުން.
-
އެސްއީޒެޑް ގާނޫނު އިސްލާހުކުރުން: ޓައުންޝިޕް ތައާރަފުކޮށް، ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތައް ބޭރުގެ ފަރާތްތަކަށް ދޫކޮށް ބޮޑެތި ލުއިތަކެއް ދިނުން.
-
މަޝްރޫއުތައް ހުއްޓުން: ބަންކަރިންގެ ޚިދުމަތުން ލިބޭނެ ކަމަށް އަންދާޒާކުރި 400 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބުމާއި، 9 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ ތަފުސީލު ހާމަނުކުރުމުގެ އިތުރުން "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއަށް ހޯރަފުށީ ފަޅުން ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކަށް ދިނުމަށްފަހު އަމަލީ މަސައްކަތް ނުފެށުން.





