ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (ސިފައިން) ތަރައްޤީކުރުމަށްޓަކައި މިހާތަނަށް އެންމެ ގިނަ މަސައްކަތްކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދަނީ މި ރިޔާސީ ދައުރުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް މި ދައުރުގައި ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ ދިގު ލިސްޓެއް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް އަންމޭޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ހޯދައި، ސިފައިންގެ ތެރޭގައި "އެއާ ކޯ" އުފެއްދެވުމާއި، ލ. ގަމުގައި އެމްއެންޑީއެފްގެ އެއާ ސްޓޭޝަނެއް ޤާއިމުކޮށް، ށ. ފުނަދޫގައި ވެސް އެއާ ސްޓޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯސްޓްގާޑުގެ ފްލީޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ދެ ޤައުމަކުން މަނަވަރު ހޯއްދަވައިދެއްވާފައިވާކަން ފާހަގަކުރައްވަމުން ޗީފް ވިދާޅުވީ، އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް 20 އިންޓަސެޕްޓަރު ބޯޓު ހޯދުމަށް ނިންމައި މިހާތަނަށް 5 ބޯޓު ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ސީއެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތާއި، ވިލިމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު މެރިޓައިމް ރެސްކިއު ސެންޓަރެއް ޤާއިމުކޮށްދެއްވާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް ކަން ފާހަގަކުރައްވަމުން، އދ. މާމިގިލީގައި ފަޔާ ސްޓޭޝަނެއް ޤާއިމުކޮށް، ކ. މާފުށީގައި ވެސް އެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ސާވިސް ކޯގެ ޤާބިލުކަން އިތުރުކުރުމަށް ބ. ކިހާދޫގައި ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިލް ޤާއިމުކޮށް، ސާވިސް ކޯއަށާއި އޭރިއާ ކޮމާންޑްތަކުގެ މޮބިލިޓީއަށް 71 ވެހިކަލް ހޯދައިދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަރުކާރުގައި ސިފައިންގެ އަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންދާކަން ފާހަގަކުރައްވަމުން، މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ވައްދާފައިވާ ކަމަށް ޗީފް ވިދާޅުވިއެވެ. އަދި ކަޅޮތުއްކަލާކޮށީގައި ސިފައިންނަށް 15 ބުރީގެ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު، ބަނޑޭރިކޮށި އެކެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ސިފައިންނަށް ލޭޑިން ކްރާފްޓާއި އެހެނިހެން މުހިންމު އުޅަނދުތައް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.





