އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޯޓު އަމުރެއްގެ ދަށުން މިރޭ 21:59 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އަބްދުއްﷲ ޝާހިދަކީ ޚާރިޖީ ސިޔާސަތާއި، ޤާނޫނުހަދާ މަޖިލީހުގެ ހިންގުމާއި، އަދި ބައިނަލްއަޤްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1984 ވަނަ އަހަރު ޚާރިޖީ ވުޒާރާއިން އާންމު ޚިދުމަތް ފެއްޓެވި ޝާހިދު ވަނީ 1990 ގެ އަހަރުތަކުގައި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަރިހުގައި އެގްޒެކެޓިވް ސެކްރެޓަރީއާއި މުޝީރުގެ މަޤާމުވެސް ފުރައްވާފައެވެ. އޭގެފަހުން 2000 ވަނަ އަހަރު ވ. އަތޮޅު މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން، އާ ޤާނޫނުއަސާސީ އެކުލަވައިލި ޚާއްޞަ މަޖިލީހުގައި ދައުރެއް އަދާކުރެއްވުމުގެ އިތުރުން 2009 އިން 2014 އަށް ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ރައީސްކަން ކުރެއްވިއެވެ.
މީގެއިތުރުން ރައީސް މައުމޫންގެ ވެރިކަމުގައާއި (2007–2008) ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި (2018–2023) ދެ ދައުރެއްގެ މަތިން ޚާރިޖީ ވަޒީރުކަން އޭނާ ކުރެއްވިއެވެ. އަދި 2021 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަމެއް ހޯއްދަވައިދެއްވިއެވެ.
ސިޔާސީ ހަރަކާތްތަކަށް ބަލާއިރު، 2013 ގައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު 2024 ފެބްރުއަރީގައި އެ ޕާޓީގެ ރައީސްކަމާ ހަވާލުވެވަޑައިގަތެވެ. ނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި 2026 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ ވަނީ ޕާޓީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.





