ޗާގޮސް

ފޯޅަވަހީގެ މައްސަލައިގައި (ޗާގޯސް އިމުގެ މައްސަލައިގައި) ރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.

މިއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި އުފެއްދެވި ކޮމިޝަނެކެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ކޮމިޝަން އުފެއްދެވީ މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ރާއްޖެއިން ކަންކުރި ގޮތުން ކަމަށް ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ލަފާދެއްވާފައިވާތީއާއި، މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށްވާތީއެވެ.

ކޮމިޝަނުގެ މެންބަރުން:

  • ރައީސް: އަލްއުސްތާޛު އަޙްމަދު ޝާކިރު (ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ)

  • ޢަބްދުލްޢަޒީޒް ޔޫސުފް

  • ޑރ. އާމިނަތު ޝާފިޔާ އާދަމް

  • ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު

  • ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް

  • އަޙްމަދު ޢަލީމަނިކު

  • އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ އިޓްލޮސްގެ މައްސަލައިގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސިޔާސީ މަސްއޫލުވެރިން އަމަލުކޮށްފައިވާ ގޮތް ބަލައި، އެފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ތަޙުޤީޤުކުރުމެވެ. އަދި އިހުމާލުވި ފަރާތްތަކާމެދު އެޅުމަށް ފެންނަ ފިޔަވަޅުތައް ކަނޑައަޅައި، ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރާނެ ގޮތުގެ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމެވެ. މި ކޮމިޝަން ދެމިއޮންނާނީ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް