ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ވިދާޅުވެއްޖެއެވެ.
އެއިދާރާއިން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަަށް، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެއެވެ. މި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ:
-
އެމްއެންޑީއެފްގެ އިލްތިމާސް: ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމު އަދި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހަމައަށް ހުރިތޯ ޗެކްކުރުމަށް ވަނީ އެދިފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން އިތުރަށް ބަރުނުކުރުމަށާއި، ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
-
އެންޑީއެމްއޭގެ އިލްތިމާސް: ފެންބޮޑުވާ ހާލަތްތަކުގައި ގެތަކުގައި ވެލިބަސްތާ ޖެހުމަށާއި، ހިފާގެންގުޅޭ ތަކެއްޗާއި ކާބޯތަކެތި ފެން ނުފޯރާފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ވައިގަދަވެގެން އެއްލާލަފާނެ ތަކެތި ބަންދުކުރުމަށާއި، ބޭނުންނުކުރާ ކަރަންޓު ސާމާނު ނިވާލާފައި ބެހެއްޓުމަށްވެސް ވަނީ އެދިފައެވެ.





