ރަސްމާލެއިން އިޒްރޭލު މީހުންނަށް ތަނެއް ނުގަނެވޭނެ: ރައީސް

ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ "މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ" މަޝްރޫއުގެ ދަށުން، އިޒްރޭލުގެ މީހަކަށް ތަނެއް ހޯދުން ނުވަތަ ގަތުން ގާނޫނުން މަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މި މަޝްރޫއާ ގުޅޭގޮތުން ބޭރުގެ މީހުން ވަޒަންވެރިވެ ދިވެހިންގެ ބާރު ކެނޑިދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕްރޮގްރާމްގައި ރައީސް ވިދާޅުވީ، ރަސްމާލެ އަބަދުވެސް އޮންނާނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި އެތަނުން ޕްރޮޕަޓީ ގަތުމަށް އެންމެ ގިނައިން ޝައުގުވެރިކަން ފާޅުކުރަނީ ޖީސީސީ އާއި މެދުއިރުމަތީގެ އަރަބި އިސްލާމީ ގައުމުތަކުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ޕްރޮޕަޓީތައް 99 އަހަރަށް ގަނެވުނު ނަމަވެސް، މުއްދަތު ހަމަވުމުން އެތަންތަން އަނބުރާ ލިބޭނީ ސަރުކާރަށެވެ. އަދި ސަރުކާރަށް ނޭނގި އޯނަޝިޕް އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

މީގެއިތުރުން، އެތަނުގައި ހިނގާނީ ދިވެހި ގާނޫނު އަސާސީގެ ބާރު ކަމަށާއި، އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ އެއްވެސް ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 500 ހެކްޓަރުގެ އެ ބިމުގައި ހުންނާނީ މިސްކިތްތައް ކަމަށާއި، ދިވެހި ފުލުހުންގެ ހިދުމަތް އެތަނުން ލިބެން ހުންނާނެ ކަމަށް ވިދާޅުވެ، ބަޔަކު ސިޔާސީ ފައިދާ ހޯދުމަށް ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކަށް ނުހުއްޓުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް