ސުޕްރީމް ކޯޓު

ދައުލަތުގެ މުހިންމު އިދާރާތަކުގައި ހުޅުޖެހުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޒިހާން އޭނާގެ ފޭސްބުކްގައި، އަލްބޭނިއާގެ ސުޕްރީމް ކޯޓުގައި ހުޅުޖެހި ހަބަރަކަށް ރިއާޔަތްކޮށް ލިޔެފައިވަނީ، ސުޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގައި "އަހަރެމެންނަށް ހުޅުޖަހަން ނުލިބެނީ ކީއްވެތޯ" އާއި އެއީ "މަޖާކަމަކަށް ވާނެ" ކަމަށެވެ. ފުލުހުން ބުނީ މި ވާހަކަތައް ރިޕޯޓުކޮށްފައިވާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެ ޕޯސްޓުތައް ފޮހެލުމަށްފަހު ޒިހާން އަލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ އެއްވެސް ތަނެއްގައި ރޯކުރަން ނޫޅޭ ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓާއި ރައީސް އޮފީހާއި މަޖިލީހުގައި ތިއްބެވި ދުވަސްވީ ބޭފުޅުން ޒުވާނުންނަށް ދޫކޮށްލީ އަނދާފައި އޮތް ކުނިގަނޑެއް ކަމަށެވެ. އަދި ގައުމު މުޅިން ހަލާކުވެ އަޅިއަށް ވެފައިވާ ކަމަށްވެސް އޭނާ ސިފަކުރިއެވެ.

ޒިހާން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައި ކުރިން ހުރި ޒިހާން ވަނީ އެ މަގާމުން އޭނާ ވަކިކުރުމުން ކުރީގެ ސަރުކާރަށްވެސް އަދި މަގާމުން ވަކިކުރުމުން މި ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް