ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖް ދޫކޮށްލަން ތައްޔާރު ކަމަށާއި، އެކަމަކު އެއީ އާސަންދައަށްވުރެ ދައުލަތަށް ޚަރަދު ކުޑަ ޕެކޭޖެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7,225 މީހުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ބަހުސް ކުރައްވަމުން، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ އާންމު ރައްޔިތުންނަށް ނުލިބޭ ވަކި އިނާޔަތެއް މެންބަރުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް، މަޖިލިސް މެންބަރަކަށް އިންޝުއަރެންސްގެ ގޮތުގައި ދައުލަތުން އަހަރަކު ޚަރަދުކުރަނީ 24,000 ރުފިޔާ (މަހަކު 2,000 ރުފިޔާ) ކަމަށާއި، އޭގެ ބަދަލުގައި 1.3 މިލިއަން ރުފިޔާއާ ހަމައަށް ބޭސްފަރުވާ ކުރެވޭއިރު، މިއީ ވަކި ލިމިޓެއް ނެތް އާސަންދަ ނިޒާމަށްވުރެ ދައުލަތަށް ޚަރަދު ކުޑަ ގޮތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތަކެއް މެންބަރުން ހޯދަން އެދިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވަނީ މަޖިލީހުން ރައްޔިތުންގެ މުހިންމު މައްސަލަތަކަށް ހައްލު ނުގެނެސްދެވުމާއި އިތުބާރު ގެއްލޭ ގޮތަށް ކަންކަން ކުރެވެމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އިންޝުއަރެންސް ކަނޑާލުމާމެދު އޭނާގެ މައްސަލައެއް ނެތް ކަމަށާއި، މުސާރައާއި އިނާޔަތްތަކާ ނުލައި ހިލޭ މަސައްކަތް ކުރައްވަންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ޕެޓިޝަން ހުށަހެޅި ފަރާތްތަކަށް އިންޝުއަރެންސް ނިޒާމު ހިނގާގޮތް ސާފުވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





