ވިލިމާލޭގައި އިއްޔެ ހިންގި ޚާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ހިމެނޭހެން ހަތަރު މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (44އ) އާއި، އިސްމާއިލް ޖުމައިހު (35އ) އަދި މުހައްމަދު ވިޝާލް (ރޯމަން) (29އ) އެވެ. ދެން ހައްޔަރުކޮށްފައިވަނީ ޝާހިލް މުހައްމަދު ކިޔާ މީހެކެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ މީހުން ތިބި ކޮޓަރި ހުޅުވިއިރު މޭޒުމަތީގައި މަސްތުވާތަކެތި ހާމައަށް ހުރިއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މިންގަނޑަށް އަރާވަރަށް ތަކެތި ހުއްޓެވެ. އަދި ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތިވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.





