ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ރަނގަޅަށް ވިސްނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިމުމަކަށް ގެންނަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ޝުކުރުވެރިވާ ކަމަށާއި، މި ދަތުރުގައި ލިބުނު އެކުވެރިންނަށާއި އިދާރާތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ކުރިން އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރައްވާފައިވާ ފައިރޫޝް ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 2021 ވަނަ އަހަރުއެވެ. އޭގެފަހުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމްގެ އަރިހުގައިވެސް އޭނާ ސިޔާސީ މަސައްކަތްތައް ކުރެއްވިއެވެ. މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. އަދި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީއަށް އޭނާ ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.




