ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި "ބޭރު ފައިސާއާބެހޭ ޤާނޫނު" އަށް އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުން ލާޒިމުވާ މިންގަނޑުތައް މުރާޖަޢާކޮށް، 100 އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދަދިނުމެވެ.
މި އިސްލާހުގެ ދަށުން، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ މީލާދީ އަހަރެއްގެ ތެރޭގައި މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކަށެވެ. މިއީ ކުރިން އޮތް 15 މިލިޔަން އެމެރިކާ ޑޮލަރުގެ މިންގަނޑަށްވުރެ އިތުރު އަދަދެކެވެ. އަދި މި ފައިސާ ޖަމާކުރަންވާނީ އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބޭންކެއްގެ އެކައުންޓަކަށް ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގައިވާ ގޮތުން ކެޓަގަރީ-އޭ ގެ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެއެވެ.
މިއީ ކުރިން އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން ނުވަތަ 20 އިންސައްތަ މާރުކުރަން އޮތް އުސޫލަށް ގެނެވުނު ބަދަލެކެވެ. މީގެއިތުރުން، 100 އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 7 އިންސައްތައެވެ. މި އިސްލާހަށް އަމަލުކުރުމަށް އެމްއެމްއޭއިން އިންތިގާލީ މުއްދަތެއް ކަނޑައަޅަންޖެހޭއިރު، ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހު ގެންނަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.




