ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ފޮނުއްވާލެއްވި "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާގުޅޭ ބިލު"، އިޖުތިމާޢީ ކޮމިޓީން މުރާޖައާކޮށް ގެނައި މައިގަނޑު ތިން އިސްލާހަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ. ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވީ، ބިލު ފާސްވެގެން އައިއިރު ހުރި ބައެއް ކަންކަމުގެ ސަބަބުން ގާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ދިމާވެދާނެތީ އެކަންކަން އިސްލާހު ކުރެއްވުމަށެވެ.
ބިލަށް ގެނައި ފުރަތަމަ މައިގަނޑު ބަދަލަކީ ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކަށް ގެނައި ބަދަލެވެ. އެގޮތުން، މީގެ ކުރިން ބިލުން އުނިކޮށްފައި އޮތް ދެ އަކުރެއް އަލުން ބިލަށް އިތުރުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ބަންދުގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ މިނިވަންކަން ގެއްލިފައި ތިބޭ ބަޔަކަށް ވާތީ، އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ގުނަވަނެއް ހަދިޔާކުރަން އެމީހުންނަށް ފުރިހަމަ ރުހުން ދެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ދެވަނަ އިސްލާހެއްގެ ގޮތުން، ގާނޫނާ ހިލާފަށް ނުވަތަ ރުހުމާ ނުލައި ގުނަވަން ނަގައިފި ނަމަ ދޭން ކަނޑައަޅާފައިވާ އަދަބުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން ބިލުގައި އޮތް "ގިސާސް ހިފުމާއި ގުނަވަނަށް ދިޔަ ދިނުން" މިހާރު ވަނީ އުނިކޮށްފައެވެ. އޭގެ ބަދަލުގައި އެފަދަ ކުށެއް ކޮށްފި ނަމަ 150,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
ތިންވަނަ އިސްލާހަކީ ގާނޫނަށް އަމަލުކުރަން ފެށުމާއި ގަވާއިދުތައް ހެދުމުގެ މުއްދަތުތަކަށް ގެނައި ބަދަލެވެ. މިގޮތުން، މި ގާނޫނަށް އަމަލުކުރަން ފަށާނީ ބިލު ތަސްދީގުކުރާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 180 ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދައި ނިންމަން ޖެހޭއިރު، އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އުފައްދަން ޖެހޭނެ ކަމަށް ބިލުގައި މިހާރު ވަނީ ބަޔާންކޮށްފައެވެ.




