މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ކާފު ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މިއަދު ޚާއްޞަ ސާޗް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. ކަރެކްޝަންސްއިން އެކްސް ގައި ކުރި ޕޯސްޓެއްގައި މިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ޖަލުތަކަކީ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަންތަން ނަމަވެސް، ގަވާއިދާ ޚިލާފަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ޖަލަށް ވެއްދުމުގެ މައްސަލަތައް ދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން 2024 ވަނަ އަހަރު، ޖަލަށް މަސްތުވާތަކެތި ވެއްދުމުގައި ބައިވެރިވި ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓުން ޖުމްލަ 73 މިލިއަން ރުފިޔާ ފެނުނު ބޮޑު މައްސަލައެއް ފުލުހުން ތަހުގީގުކޮށް، އެ މީހުންގެ ވަނަވަރު ހާމަކޮށް ދައުވާ އުފުލާފައިވެއެވެ.
މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޖަލުން ކުރާ ފޯން ކޯލްތަކާއި ސްކޭމްތައް ރިޕޯޓުކުރެވޭނެ ނިޒާމެއް މިދިޔަ އަހަރު ގާއިމުކޮށްފައިވެއެވެ. އަދި ޖޭމަރު ހަރުކުރުމުގެ ބަދަލުގައި، ޖަލަށް ވައްދާ މަނާ ތަކެތި އަތުލައިގަތުމަށްޓަކައި މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި މިއަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ.
ޖަލުތައް ބަލައި ފާސްކުރުމަށް ކުރާ މިފަދަ ސިލްސިލާ މަސައްކަތްތަކުގެ ދަށުން، މިދިޔަ މަހުގެ 22 ގައި މާފުށީ ޖަލު ބަލައި ފާސްކުރުމަށްވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.



