ކޮންމެ ލިޔުންތެރިއަކުވެސް ހައްގުބަސް ފެތުރުމަށާއި އަމާނާތްތެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކޮށް، ޤައުމީ ފެންވަރުގައި މުހިންމު މެސެޖުތަކެއް ރައީސް ވަނީ ޝާއިޢުކޮށްފިއެވެ.
މިއަދު ފާހަގަކުރަމުންދާ މި ޚާއްޞަ ދުވަހާ ގުޅިގެން ނެރުނު މެސެޖުގައި، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމުގެ އިތުރުން ލިޔުންތެރިކަން ކުރިއެރުވުމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެއްކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.
އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤުބަސް ފެތުރުމަށާއި، މުޖުތަމަޢުގައި ރީތިކޮށް މުޚާޠަބުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ފަދަ ރަނގަޅު ވާހަކަތަކާއި، ބިނާކުރަނިވި ފިކުރުތައް މުޖުތަމަޢުގެ ތެރޭގައި ފެތުރުމަށް ހުރިހާ ލިޔުންތެރިންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން، ދިވެހި ލިޔުންތެރިންނަކީ ދިވެހި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، އަދި މި ޤައުމަށް ފާގަތިކަން ލިބޭނެ ގޮތްގޮތަށް ލިޔާ، އަމާނާތްތެެރި، ޤައުމުދެކެ ލޯބިވާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިން ކުރައްވަމުންދާ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ވަނީ ދުޢާކޮށްފައެވެ.



