ލޯކަލް މާރުކޭޓު ހުރި ބިމުގައި މަސްމާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އެ އިދާރާގައި އަމިއްލަ އަށް އެދިފައިވާއިރު ވެސް އެކަން ނުކޮށް އޮތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ ބުނެފި އެވެ.
މާލޭގެ މާރުކޭޓު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބިން ހަވާލުކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ތަފްސީލު ހާމަކޮށްފިއެވެ.
ކައުންސިލުން ބުނާ ގޮތުގައި، މާރުކޭޓު އެޅުމަށް މިނިސްޓްރީއަށް ބިން ހަވާލުކުރެވެން ނެތީ، 9 މާރިޗު 2023 ގައި "ހައިރު އިންޖީނިއަރިންގ ކޮންސަލްޓަންސީ" އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާތީއެވެ. އެހެންކަމުން، މިނިސްޓްރީއަށް ބިން ދޫކުރެވޭނީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމަށްފަހުގައެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބިން ހަވާލުކުރުމުގެ އިތުރުން އެ ބިމުގެ ރަޖިސްޓްރީވެސް މިނިސްޓްރީގެ ނަމަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް، އެ ބިމަކީ ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަނަކަށްވެފައި، ސަރުކާރުގެ މަޝްރޫޢަކަށް ބިން ދޫކުރި ނަމަވެސް ކައުންސިލުގެ ޤާނޫނީ ބާރުވެރިކަން އެ ބިމުން ނުނެގޭނެތީ، އެތަން އޮންނަންވާނީ ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
މާރުކޭޓުގެ މަސައްކަތް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ، ކައުންސިލުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ މަޝްރޫޢު ފެށުމަށް ކަމަށެވެ. ނަމަވެސް، މިހާރު ދިމާވެފައިވާ އިދާރީ އަދި ޤާނޫނީ އުނދަގޫތަކަކީ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ނިންމާފައިވާ ނިންމުންތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއް ކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ.
މާލޭގެ އައު މާރުކޭޓު އެޅުމުގެ މަޝްރޫޢު ލަސްވަމުންދާ މައްސަލައިގައި ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، މާލެ ސިޓީ ކައުންސިލުން ދައްކާ ބަހަނާތަކަށް ވަނީ ރައްދު ދީފައެވެ.
ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި، ހައިރު އިންޖިނިއަރިންގ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ މައްސަލައިގައި ކައުންސިލުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެއްވެސް ބަދަލަކާ ނުލައި އެ އެއްބަސްވުން އުވާލުމަށް ތައްޔާރަށް އޮތްކަން އެ ކުންފުނިން މިހާރު ވަނީ ސިޓީއަކުން ކައުންސިލަށް އަންގާފައެވެ. އަދި މިހާތަނަށް އެ ކުންފުނިން ކޮށްފައިވަނީ ހަމައެކަނި ވަގުތީ ގޮޅިތަކެއް އެޅުމުގެ މަސައްކަތް ކަމަށްވާތީ، އެއްބަސްވުން ބާޠިލުކުރުމަކީ މި މަޝްރޫޢަށް އޮތް ހުރަހެއް ކަމަށް ނުދެކޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، އެއްބަސްވުން ބާޠިލުނުކޮށްވެސް އެ ބިން ސަރުކާރާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ޤާނޫނީ ބާރު ލިބިދެނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މިފަހުން ގެނައި އިޞްލާޙުގެ ދަށުންނެވެ. އެ އިޞްލާޙުގައިވާ ގޮތުން، ސަރުކާރުން ހިންގަން ބޭނުންވާ ޚާއްޞަ މަޝްރޫޢުތަކަށް ބިން ހަވާލުކުރުމަކީ ކައުންސިލްތަކަށް ލާޒިމުކަމެކެވެ.
އެހެންކަމުން، މާރުކޭޓު އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުން ލަސްކުރުމަކީ މަޝްރޫޢަށް އޮތް ހުރަހެއް ކަމަށާއި، ބިމުގެ މައްސަލަ ހައްލުވީހާ އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރާ ގޮތަށް ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް ނުވަތަ "ވެޓް މާކެޓް ކޮމްޕްލެކްސް"އެއް އަޅަން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ. އެ އިމާރާތުގައި ފަސް ފުލޯ ހުންނާނެ އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާއި ހަވާލުކޮށްފައި ނުވުން ކަމަށެވެ.




