އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، ކުންފުނީގެ ރިޓަޔަރމަންޓް ޕޮލިސީއަށާއި ވަޒީފާއިން ރިޑަންޑަންޓްވާ (ވަޒީފާ އުނިވާ) ޙާލަތްތަކުގައި ޢަމަލުކުރާނެ އުސޫލުތަކަށް ކުންފުނީގެ ބޯޑުން މުހިންމު އިޞްލާޙުތަކެއް ގެނެސްފައިވާ ކަމަށެވެ. މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އައު އޮނިގަނޑަކަށް ބަދަލުވުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އައު ބަދަލާއެކު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މައިގަނޑު ދެ ގޮތަކަށް އެ ފުރުޞަތު ލިބިގެންދާނެއެވެ:
- އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުން: މި ގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، އުސޫލުގައިވާ ގޮތުގެ މަތިން މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ "ސެވަރެންސް ޕެކޭޖެއް" ލިބޭނެއެވެ.
- އަމިއްލައަށް އެދިގެން ރިޓަޔަރވުން: މި ފުރުޞަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށާއި އަދާކުރި މަޤާމަށް ރިޢާޔަތްކޮށް، އެއްފަހަރާ ލިބޭ މާލީ އިނާޔަތަކާއެކު ރިޓަޔަރ ކުރެވޭނެއެވެ.
އެޗްޑީސީން ބުނީ މިކަމާ ގުޅޭ އިތުރު ތަފްޞީލުތަކާއި، ޝަރުތުތައް އަދި ފޯމު ހުށަހަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް އޮޅުންފިލާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރު ހިއްސާވާ ބައެއް އެހެން ކުންފުނިތަކުންވެސް ވަނީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން މިފަދަ ފުރުޞަތުތައް މީގެ ކުރިން ހުޅުވާލާފައެވެ.




