ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން އިއުލާނުކުރެއްވީ ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ މައްސަލަތައް ކުރިމަތިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެކުރިން ލޯނު އެހީގައި ލ. ގަމުގައި ނަފްސާނީ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައި އޮތް ނަމަވެސް، ލޯނު ހަމަޖެހުމުގައި ހުރި ދަތިތަކާއި ޕްރޮސީޖަރތައް ދިގުލައިދާތީ، މާލޭގައި އާ ހޮސްޕިޓަލެއް އެޅުމަށް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް މިއީ ލޯނު އެހީގައި ގަމުގައި އެޅުމަށް ހަމަޖެހިފައިވާ މަޝްރޫޢު ހުއްޓާލުން ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ލޯނު އެހީގައި ގަމުގައި އެޅުމަށް ފަރުމާކޮށްފައިވަނީ 14،000 އަކަފޫޓުގެ ބިމެއްގައި 18 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މާލޭގައި ބިނާކުރާ ހޮސްޕިޓަލަށްވެސް މިހާރު ވަނީ އެވަރުގެ ބިމެއް ހަމަޖެހިފައެވެ. މީގެ އިތުރުން، އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ފެށިފަހުން، މިއަހަރުގެ ޖަނަވަރީން އޭޕްރީލް މަހުގެ ނިޔަލަށް 10،000 އަށްވުރެ ގިނަ މީހުންނަށް ކޮންސަލްޓޭޝަން އަދި ތެރަޕީގެ ޚިދުމަތް ފޯރުކޮށްދެވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.



