ފުލުހުންނަށް އޮންނަ އިތުބާރު ގެއްލުވާލަން ފުރުސަތެއް ނުދޭނެ ކަމަށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 31 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަހުލާގީ މިންގަނޑުތަކާއި، އަސާސީ އުސޫލުތަކާއި ހިލާފަށް ކުރާ ކޮންމެ ކަމަކީ އެކަމަށް ބޮޑު އިސްކަމެއްދީގެން ފުލުހުން ތަހުހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގީ، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެއެވެ.
ފުލުހުން ވަނީ، މިކަމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ފުލުހުން ބުނީ، އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް އެ ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިޚުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، އެ މުޢައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަމުން ގެންދާ މައިގަނޑު އަމާޒު ކަމަށެވެ.
މިމައްސަލައިގެ މައުލޫމާތު ހާމަކޮށް ފުލުހުން ބުނީ، ގާނޫނާއި ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި 32 ސިގިރޭޓް ކާޓަން ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން 6 ކާޓަން މަދުވި މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށެވެ.
އެ ތަކެއްޗަކީ 25 މޭ 2025 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން އަތުލައިގަތް ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
އޭގެ ތެރެއިން 6 ކާޓަން މަދުކަން ފާހަގަކުރެވިފައިވަނީ އެތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރުކަމަށާއި އެ މައްސަލަ ބަލަނިކޮށް، ހަމަ އެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް 2024 ވަނަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ގެނެސްފައި ހުރި 25 ކާޓަން މަދުކަން ފާހަގަކުރެވިފައިވާކަމަށް އެ ހިދުމަތުން ބުނެއެވެ.
އެ 25 ކާޓަން ސިގިރޭޓަކީ 2 ބިދޭސީއެއްގެ އަތުން އަތުލައިގަތް ތަކެތިކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ މިހާރު ފުލުހުންގެ ޕްރޮފެޝަނަލްް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާކަމަށާއި، ޖިނާއީ ވަކިމައްސަލައެއް ގޮތުގައިވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




