ކުށްމަދު އަމާން މުޖުމަތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި، އދ. އޮމަދޫޕޮލިސް ޕޯސްޓު ގުޅިގެން އަރުތަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
އޮމަދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މި މަހު 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ރަށު ކައުންސިލާއި ސިއްހީ މަރުކަޒާއި ސްކޫލާއި މެޖިސްޓްރޭޓް ކޯޓުގެ އިތުރުން އޮމަދޫ ސްޓެލްކޯ މުވައްޒަފުން ހިމެނޭހެން ޖުމުލަ 56 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމުގައި، ދިރިއުޅުމުގެ އަދަބުތަކާއި އޮފީސް މާހައުލުގައި ދިމާވާ ކަންކަމާ ކުރިމަތިލައި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި ލީޑަރޝިޕް ހުނަރުތަކާއި ކްރިޓިކަލް ތިންކިންގ އަދި އޮފީސް މާހައުލުގައި ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ލިބޭ ހާސްކަމާއި ކުރެވޭ ފިކުރުތަކުން ފަސޭހަކަމާއެކު ދުރަށްދާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގައި ގޮތް ނިންމާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ދަރީން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ނަމޫނާ ބެލެނިވެރިއަކަށް ވުމަށް، ބެލެނިވެރިއާގެ ކިބައިގައި ހުންނަންވާނެ ސިފަތަކާއި ދަރީންގެ މެދުގައި ތަފާތު ނުކުރުމަށާއި އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން ޒިންމާދާރު ބަޔަކަށްވުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތާއި ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް