އިސްލާމީ މުޖްތަމަޢުގެ އަފުރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށްކަމަށާއި މުސްލިމުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައި ދެމިތިބޭ ބަޔަކަށްވާންޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާގައި މުސްލިމުންގެ އެއްބައިވަންތަކަމަށް ވަނީ އަލުއަޅުވާލާފައެވެ. އެގޮތުން، މި އިސްލާމީ މުޖްތަމަޢުގައި އެހެންމީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ބަޔަކު ދިރިއުޅެމުންދާކަން ކަށަވަރުކަމަށާއި އެފަދަ މީހުންނަށް އަހަރެމެން އެހީތެރިވެ، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލަންޖެހޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަހަރެމެންގެ ތެރޭގައި އުޅެމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދީންނާއި، ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަންޖެހޭކަމަށާއި އެ ކުދީންގެ ތެރެއިންވެސް އަހަރެމެންދެ އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭންޖެހޭ ކުދީންތަކެއް ތިބިކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެއީ ތެލެސީމިޔާ ކުދީންކަމަށް ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ، އެ ކުދީންގެ ބެލެނިވެރީންގެ ތަކުލީފުތަކާއި އުދާސްތަކުގައި އަހަރެމެން ބައިވެރިވާންޖެހޭ ކަމަށާއި، ޙާލުގެ ދުލުން މިއަދު އެކުދީން ގޮވަމުން އެދަނީ، އަހަރެމެންދެ އެހީތެރިކަމަށްކަމަށެވެ.
އަދި އެ ކުދީންގެ މައިންބަފައިންނާއި ބެލެނިވެރީން އިންތިޒާރުކުރަމުންދަނީ އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށްކަމަށާއި އެކުދިންނަކީވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައިކަމަށްވާއިރު، އެއީވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެ ބައެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން އެކުދީންނަށް އެހީތެރިވުމަށްޓަކައި ﷲގެ މަގުގައި ހޭދަކުރެވޭ ކޮންމެ ލޭތިއްކަކީ ނުވަތަ ސަދަޤާތަކީ ފުރާނައަކަށް ދިރުންދިނުމަށްޓަކައި ވެވޭ ޤުރުބާނީއެއްގެ ގޮތުގައި ޚުޠުބާގައި ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން އަޙުވަންތަކަމާއި އެއްބަނޑުއެއްބަފާކަން އަހަރެމެން މުސްލިމުންގެ މެދުގައި އޮންނަޖެހޭނީ ކީރިތި ނަބިއްޔާގެ ދިރިއުޅުއްވުން އަސްލަކަށް ބަލައިގެންކަމަށާއި ކޮންމެ މުސްލިމަކީވެސް އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއްކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި އެ ގުނަވަންވެސް ހިއްސާވާންޖެހޭކަމަށާއި މިއީ މުސްލިމުންގެ މިސާލުކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި މުސްލިމުންގެ މެދުގައި އޮންނަންޖެހޭނީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންކަމަށާއި، އެހެންކަމުން، ކޮންމެ މީހަކުވެސް އަނެކާއަށް އަޅައިލައި އެހީތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއްކަމަށާއި އެފަދަ މީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި މަދަދު ލިބިގެންދާނެކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް