ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު މީޑީއާ ފެންޑާގައެވެ.
"މީޑިއާ ފެންޑާ" އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
މީޑިއާ ފެންޑާގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.
މީޑިއާ ފެންޑާ ބަލަހައްޓާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ.
ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ. ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ޙާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ.
މީޑިއާ ފެންޑާ ބޭނުންކުރެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ. އަދި އެ މީޑިއާތަކަށްވެސް މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚާއްޞަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައެވެ.
މީޑިއާ ފެންޑާއަކީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަހައްދަށް ވެސް ހިނގާނެއެވެ.
ސަރުކާރުންދަނީ މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މީޑިއާތައް ބާރުވެރިކުރުމަށާއި، ނޫސްވެރިންނަށް ތަމްރީނުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް