ގެދޮރު ބިނާކުރުމަށް ސަރުކާރުން ހިލޭ އެހީ ދޫކުރާ "ހެލްޕް ޓު ބިލްޑް" ސްކީމުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް، މި ސްކީމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން ނެރުނު އިޢުލާނުގައިވާ ގޮތުން، މި ސްކީމަށް އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ 29 ނޮވެމްބަރު ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ޕޯޓަލް މެދުވެރިކޮށެވެ.
"ހެލްޕް ޓު ބިލްޑް" އަކީ މާލީ ދަތިކަމުގެ ސަބަބުން އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ނުކުރެވި ހުންނަ ފަރާތްތަކަށް ގެދޮރު ބިނާކުރުމުގެ މަގު ފަހިކޮށްދިނުމަށް ހިންގާ ސްކީމެކެވެ. ގެދޮރު ގަތުމަށް ދޫކުރާ "ހެލްޕް ޓު ބައި" ސްކީމާއެކު، މި ދެ ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދާދިފަހުން އިޢުލާންކުރެއްވި ސްކީމުތަކެވެ.
އުސޫލުގައިވާ ގޮތުން، ގްރޭޓާ މާލޭ ސަރަހައްދުން ބޭރުގެ ރަށްރަށުގައި ގޯއްޗަކަށް ދޫކުރާނީ 200،000 ރުފިޔާގެ ހިލޭ އެހީއެވެ. ގްރޭޓާ މާލޭ ސަރަހައްދުގައި 200،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާއިރު، ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200،000 ރުފިޔާގެ މަގުން، ގިނަވެގެން 5 މީހުންނަށް އެހީ ލިބޭނެއެވެ.
މި ސްކީމަށް ކުރިމަތިލެވޭނީ ގެދޮރު ބިނާކުރަން ބޭނުންވާ ގޯތި ހުރި ރަށަކީ އެހީއަށް އެދޭ ފަރާތް ދިރިއުޅެމުންދާ ރަށަށްވާ، އަދި ދިރިއުޅެވޭނެ އެކަށީގެންވާ ގެދޮރެއް ނެތް ފަރާތްތަކަށެވެ. ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތްތަކާއި، ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ނުވަތަ ސަރުކާރު ކުންފުންޏަކުން ހެޔޮ އަގުގައި ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ ލޯނެއް ލިބިފައިވާ ފަރާތްތަކަށް މި ސްކީމުގައި ބައިވެރިނުވެވޭނެއެވެ.
ހިލޭ އެހީގެ އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސަންވާނީ މި ސްކީމުގައި ބައިވެރިވާ މާލީ އިދާރާއަކުން ފައިނޭންސިންގ ފެސިލިޓީއެއް ހަމަޖައްސައިގެންނެވެ. ނަމަވެސް ކުރިން ނަގާފައިވާ ފެސިލިޓީއެއްގެ ދަށުން ފައިސާ އިތުރުކުރުމަށް ނުވަތަ ރީފައިނޭންސްކުރުމަށް މި ފެސިލިޓީ ބޭނުން ނުކުރެވޭނެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި އެހީގައި ބިނާކުރާ ގެދޮރު އެހީ ލިބުނުތާ 25 އަހަރު ދުވަހުގެ ތެރޭގައި ވިއްކައިލާނަމަ، ސަރުކާރުން ދިން ހިލޭ އެހީގެ ބައި ސަރުކާރުގެ ހައުސިންގ ފަންޑަށް އަނބުރާ ދައްކަން ޖެހޭނެއެވެ.





