ހިޔާވެހި ސްކީމުގެ ދަށުން 1.1 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްދީފި: މިނިސްޓަރު މުއްޠަލިބް

ހިޔާވެހި ފައިނޭންސިންގ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކަނި ވެސް 1.1 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްދެވިފައިވާ ކަމަށާއި، ބޯހިޔާވަހިކަމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި އެއް ބިލިއަން ރުފިޔާއަށްވުރެ މާ ބޮޑު މިންވަރެއް އައު ސިޔާސަތުތަކާއި ފައިނޭންސިންގ މޮޑެލްތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، އެ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ކަމަށާއި، ސީދާ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދިނީ މާލީ އިދާރާތަކާ ގުޅިގެން ރައްޔިތުންނަށް ފައިދާވާނެ ދެމެހެއްޓެނިވި ގޮތްތައް ހޯދުމަށް ކަމަށެވެ.

ހިޔާވެހި ސްކީމުގައި ދައުލަތުން ޚަރަދުކުރަނީ މުޅި ލޯނުގެ އަދަދަށް ނޫން ކަމަށާއި، ދައުލަތުގެ ބަޖެޓުން ޚަރަދުކުރަނީ އިންޓްރެސްޓް ރޭޓް ސަބްސިޑައިޒްކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސަރުކާރުން ސީދާ ބަޖެޓުން ޚަރަދުނުކުރި ކަމުގައި ވީ ނަމަވެސް މިހާރު އެ ކުރިއަށް ގެންދާ ލޯނު ސްކީމްތަކާއި ކުރިއަށް ގެންދާ ހައުސިންގ މަޝްރޫޢުތަކުން އެއަށްވުރެ މާ ބޮޑެތި އަދަދުތަކުން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު މި ދަނީ ހޯދައިދެވިފަ. އެހެންވީމާ އަޅުގަނޑުމެން ބަލަނީ ދައުލަތުގެ ބަޖެޓު ޚަރަދުކުރުމަށްވުރެ ކްރިއޭޓިވް އެހެން ގޮތްގޮތް ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދަށް ގެނައި އިޞްލާޙާއެކު، ބޭންކުތަކުން ދޫކުރާ ފައިސާގެ ވަކި މިންވަރެއް ފަސް އިންސައްތަ އިންޓްރެސްޓުގައި ބޯހިޔާވަހިކަމަށް ޚާއްޞަކުރަން ޖެހޭތީ، އެ ފުރުޞަތުގެ ބޭނުންހިފައިގެން ބީއެމްއެލުން 4،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް