ފިއުލް ސްކިޑް މަޝްރޫޢުގެ ދަށުން 10 ރަށެއްގައި ޚިދުމަތް ދޭން ފަށައިފި

ރަށްރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ ފިއުލް ސްކިޑް މަޝްރޫޢުގެ ދަށުން 10 ރަށެއްގައި ޚިދުމަތް ދޭން ފަށައި، މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިޤު އަޙްމަދު ވިދާޅުވީ، މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 10 ސްޓޭޝަނެއްގައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި، އެއީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 19 ރަށުގެ ތެރެއިން 85 އިންސައްތަ ކަމަށެވެ.

އަދި ދެވަނަ ފިޔަވަހީގައި އިތުރު 15 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރާނެ ކަމަށް ޠާރިޤު ވިދާޅުވިއެވެ. އެގޮތުން ދެ ފިޔަވަހީގައި ޖުމްލަ 34 ރަށެއްގައި މި މަޝްރޫޢު ކުރިއަށްގެންދާއިރު، އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ މަސައްކަތް ނިންމުމެވެ.

އާންމު ފިއުލް ސްޓޭޝަން ޤާއިމުކުރަން ދަތި ރަށްރަށުގައި މޮޑިއުލަރ ފިއުލް ސްޓޭޝަން ނުވަތަ "ފިއުލް ސްކިޑް" ބެހެއްޓުމަށް ސަރުކާރުން ނިންމީ، ގިނަ ރަށްރަށުގައި ތެލުގެ ވިޔަފާރި އަމިއްލަ ފަރާތްތަކުން ކުރާތީ، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހޭ ޝަކުވާއަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ފިއުލް ސްކިޑް ޤާއިމުކުރީ 2025 ވަނަ އަހަރު ރ. ދުވާފަރުގައެވެ.

މި މަޝްރޫޢު ފުރިހަމަވުމުން މަސްވެރިންނާއި ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހައިން ތެޔޮ ލިބޭނެ ކަމަށާއި، މަސްވެރިން ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ވަގުތާއި ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް