އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިވާން ރާއްޖެއަށް ފުރުޞަތު އޮތް ނަމަވެސް ޕެންޝަން ނިޒާމު އިޞްލާޙުކުރަން ޖެހޭ: ވޯލްޑް ބޭންކް

ރާއްޖެއަށް އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ޤައުމަކަށް ވުމުގެ ފުރުޞަތު އޮތް ނަމަވެސް، އެ ފުރުޞަތުން ފައިދާ ހޯދުމަށް ޕެންޝަން ނިޒާމާއި ދައުލަތުގެ ޚަރަދުތަކަށް އަވަސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މި މަހު ނެރުނު "ޑިމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކަށްވުރެ ރަނގަޅު އާމްދަނީގެ ފެންވަރެއްގައި އެ މަރުހަލާއަށް ވާސިލުވާނެ ކަމަށް ލަފާކުރެވޭ ހަމައެކަނި ދެކުނު އޭޝިއާގެ ޤައުމަކީ ރާއްޖެއެވެ.

ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާގެ އެވްރެޖް ޤައުމަކަށް މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާއިރު، ރާއްޖޭގައި މި ބަދަލު އަންނާނީ 13 އަހަރުގެ ތެރޭގައެވެ. ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކުގައި މިކަމަށް އެވްރެޖްކޮށް 32 އަހަރު ނަގާއިރު، ކުރިއަރާފައިވާ ޤައުމުތަކުގައި 46 އަހަރު ނަގާ ކަމަށް ރިޕޯޓުގައިވެއެވެ.

މިއީ ރާއްޖެއަށް ލިބޭ ބޮޑު ފައިދާއެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާއިރު، އާބާދީ މުސްކުޅިވުމާ ގުޅިގެން ކުރިމަތިވާ ޚަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އަވަށްޓެރި ޤައުމުތަކަށްވުރެ ރާއްޖެއަށް ބޮޑުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ޕެންޝަން ދިނުމާއި، ދިގު މުއްދަތަށް ބަލަހައްޓަންޖެހޭ ބަލިތަކަށް ފަރުވާދިނުމާއި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޚަރަދުތައް ހިމެނެއެވެ.

ރާއްޖޭގައި ޕެންޝަން ސްކީމަކަށް ފައިސާ ނުދައްކާ މުސްކުޅިންނަށް ދައުލަތުގެ ޓެކުހުން ދޭ އަސާސީ ޕެންޝަން ދެމުން ގެންދަނީ "އޯލްޑް އޭޖް ބޭސިކް ޕެންޝަން" ގެ ނަމުގައެވެ. ރިޕޯޓުގައިވާ ގޮތުން، މިހާރު ރާއްޖެ ފަދަ ޤައުމުތަކަށް އޮތް އެންމެ މުހިންމު މަސައްކަތަކީ، ޤައުމުގެ އިޤްތިޞާދީ ޙާލަތާ އެކަށޭނަ ގޮތަށް މި ޕެންޝަން ލިބޭ މިންގަނޑުތަކާއި، އިނާޔަތްތަކުގެ މިންވަރާއި، އޭގެ ޚަރަދުތައް އަލުން ބައްޓަންކުރުމެވެ.

ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރުވެސް ސަރަހައްދުގެ އެހެން ޤައުމުތަކަށްވުރެ މަތީގައި ހުރިއިރު، 2013 އިން 2023 އަށް ފެނުނު ނިސްބަތުން އިޤްތިޞާދު ކުރިއަރަމުން ދިޔައިމަ، 2044 ގައި ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ނަމަވެސް، ދައުލަތުގެ ޚަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އާބާދީ މުސްކުޅިވުމާއެކު ޞިއްޙީ ޚިދުމަތްތަކާއި އިޖުތިމާޢީ ރައްކާތެރިކަމަށް ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ހުށަހަޅާފައިވާ ގޮތުގައި، ހޮސްޕިޓަލްތަކަށް ބަރޯސާވުން ކުޑަކޮށް ނާރާ ބަލިތައް ދުރާލާ ދެނެގަނެވޭނެ ޕްރައިމަރީ ހެލްތު ކެއާ ނިޒާމެއް ޤާއިމުކުރުމާއި، މަސައްކަތްކުރާ އުމުރުގެ އާބާދީ 2033 ގެ ފަހުން ދަށްވާން ފަށާނެތީ އަންހެނުން ވަޒީފާއަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލުމާއި، ޕެންޝަން ނިޒާމު ދެމެހެއްޓުމަށް ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރަން ޖެހެއެވެ.

މުޅި ދެކުނު އޭޝިއާއަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެއްވެސް ބާވަތެއްގެ ޕެންޝަނެއް ލިބެނީ 10 އިންސައްތަ މީހުންނަށް ކަމަށާއި، މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ޕެންޝަން ސްކީމަކަށް ފައިސާ ޖަމާކުރަނީ 17 އިންސައްތަ މީހުން ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް