ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންނަށް މަސްދަޅު ބެހުމަށް ބަޖެޓްކޮށްފައިވާ އަދަދު އިތުރުވެފައިވާކަން ދައުލަތުގެ ބަޖެޓް ފޮތުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިފަހަރުގެ ރޯދަމަހު މަސްދަޅު ކޭސް ބެހުމަށް ވަނީ 86.8 މިލިއަން ރުފިޔާ ބަޖެޓްކޮށްފައެވެ. މިދިޔަ އަހަރުގެ ރޯދަމަހު މަސްދަޅު ކޭހަށް 81 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ބަޖެޓް ފޮތުގައިވާ މެދުރާސްތާގެ އަންދާޒާތަކުން ދައްކާ ގޮތުގައި، 2028 ވަނަ އަހަރު މަސްދަޅު ބެހުމަށް 90.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އޭގެ އަނެއް އަހަރު މި އަދަދު 95.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސަރުކާރުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ރޯދަމަހު ރާއްޖޭގެ 111,000 އަށް ވުރެ ގިނަ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގެ 40,000 އަށް ވުރެ ގިނަ ގޭބިސީއަކަށާއި، އަތޮޅުތަކުގެ 70,000 އަށް ވުރެ ގިނަ ގޭބިސީއަކަށް މަސްދަޅު ލިބިފައިވެއެވެ.
ނިމިދިޔަ ރޯދަމަހަށް ހާއްސަކޮށް ސަރުކާރުން ދިން މަސްދަޅު ކޭސްތައް ބަހަން ފެށީ ޖަނަވަރީ 24 ގައެވެ. އެ ކޭސްތައް ދޫކުރީ މިފްކޯގެ އައުޓްލެޓްތަކާއި، މަސްދަޅު ބެހުމަށް ހާއްސަކޮށް ކަނޑައެޅި ތަންތަނުންނެވެ.





