ގަވާއިދާ ޚިލާފުވި ތިން މަނީ އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި

މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދީފައިވާ ތިން ކުންފުންޏެއްގެ ލައިސަންސް ބާތިލްކޮށް، އެ ކުންފުނިތައް ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ހާމަކުރި ގޮތުގައި، ލައިސަންސް ބާތިލްކުރި ތިން ކުންފުންޏަކީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑެވެ.

އެގޮތުން އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް، ކޮންމެ ކުންފުންޏެއް 250،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ވަނީ 500،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުނީއެވެ. އަދި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައި ވެސް އެމްއެމްއޭއާއި ކަމާބެހޭ ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް