ރާއްޖޭގައި މިއަހަރު ތައާރަފުކުރި ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް ޕޭޕަލްގައި، މި މަހުގެ 1 ވަނަ ދުވަހާ ހަމައަށް 4،800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕޭޕަލް މެދުވެރިކޮށް މިހާތަނަށް ރާއްޖެއަށް 100،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ އެތެރެކޮށްފައެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށީ މިދިޔަ ޖޫން މަހުއެވެ. އެ ފަހުން ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ޚިދުމަތުގެ ސަބަބުން ދިވެހި ފްރީލާންސަރުންނަށާއި އަމިއްލަ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ގުޅި، ރާއްޖެއިން ބޭރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު ހުޅުވިގެން ދިޔަ ކަމަށެވެ.
ޑިޖިޓަލް ޕޭމަންޓް ވަސީލަތްތައް މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވިޔަފާރިކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.





