ނޮވެމްބަރު މަހުގެ ފުރަތަމަ ނުވަ ދުވަހުގެ ތެރޭގައި 53،683 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަނާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ދުވާލަކު އެވްރެޖުކޮށް 5،913 ފަތުރުވެރިން ރާއްޖެ އަންނައިރު، ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 5،000 އާއި 6،000 އާ ދެމެދުގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ދެވަނައަށް ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން ކަމަށްވާއިރު، ތިންވަނައިގައި އިނގިރޭސިވިލާތް، ހަތަރުވަނައިގައި ޖަރުމަނުވިލާތް އަދި ފަސްވަނައިގައި އިޓަލީ ހިމެނެއެވެ.





