ބަޖެޓު ޑެފިސިޓް 9.4 ބިލިއަނަށް: އާމްދަނީ ހަރުދަނާކޮށް ޚަރަދު ކުޑަކުރަން އެމްއެމްއޭއިން ލަފާދީފި

އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފާހަގަކޮށް، ދައުލަތުގެ އާމްދަނީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމާއެކު ޚަރަދުތައް ކުޑަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ލަފާދީފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭއިން ހުށަހެޅި މާލީ ލަފާގައި ބަޔާންކޮށްފައިވާ ކަންކަމެވެ. އެ ލަފާގައިވާ ގޮތުން، 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޑެފިސިޓަކީ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން 7 އިންސައްތައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް އައު ފިޔަވަޅުތަކެއް ހިމަނާފައި ނުވާތީ، މިހާރު ހުރި ސިޔާސަތުތައް ތަންފީޒުކުރުމާއި އާމްދަނީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ޤާނޫނީ އިޞްލާޙުތައް އަވަސްކުރުމަށް އެމްއެމްއޭއިން އެދިފައިވެއެވެ.

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ގޮތުން، އެންމެންނަށް އެއްހަމައަކުން ދެމުން އަންނަ ސަބްސިޑީ، ޙައްޤުވެރިންނަށް ޚާއްޞަކޮށްގެން ދޭ ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، ޞިއްޙީ ދާއިރާގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް އިޞްލާޙުތައް ގެނައުމަށް އެމްއެމްއޭގެ ލަފާގައިވެއެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަވަސްކުރުމަށްވެސް ލަފާދީފައިވެއެވެ.

ޢުމްރާނީ މަޝްރޫޢުތަކާ ބެހޭގޮތުން، ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، އެންމެ މުހިންމު މަޝްރޫޢުތަކަށް އިސްކަންދީގެން މަސައްކަތްތައް ތަރުތީބުކުރުމަށް އެމްއެމްއޭއިން ވަނީ ލަފާދީފައެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭރު ފައިސާއިން ކުރާ ޚަރަދުތައް ކޮންޓްރޯލްކޮށް، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރަން ކަނޑައަޅާފައިވާ ބޭރު ފައިސާ ގަވާއިދުން ޖަމާކުރުމުގެ މުހިންމުކަންވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ޙިއްޞާކުރަނީ ރިކަރަންޓް ޚަރަދެވެ. މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި، ޕެންޝަނާއި އެހީގެ ފައިސާއާއި ސަބްސިޑީތަކަށް 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް