ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ހިލަ ގެނައުމުގައި، އިންޑިއާއިން ހިލަ ބޭރުކުރުން މަނާކޮށްފައި އޮތުމާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، އިންޑިއާގެ ޓެމިލްނާޑޫ ސަރުކާރުން ހިލަ ބޭރުކުރުން މަނާކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ މިދިޔަ މަހުގެ ނިޔަލަށް އެ މަނާކޮށްފައި އޮތް އޮތުމަށް ނިމުމެއް އައިސް އަނެއްކާ ވެސް ރާއްޖެއަށް ހިލަ ގެނެވެން ފެށޭނެ ކަމަށް. އެހެންނަމަވެސް އަނެއްކާ ވެސް އިތުރު ދެ މަސް ދުވަސް ވަނީ އިތުރުކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ހިލަ ގެނައުމުގައި ވެސް ދަތިތައް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހިލަ އާންމުކޮށް ލޯޑުކުރާ ޕޯޓުން އަންނަން ޖެހެނީ ހޯމުޒް ކަނޑުއޮޅި ހުރަސްކޮށްގެން ކަމުން، އެ ދަތުރުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތިތަކަށް ހައްލެއް ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އެ ޤައުމުން ހިލަ ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.





